ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
މާލެ އިން ރަށްރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބޭ މީހުން ކަރަންޓީނުގެ އުސޫލާ ޚިލާފު ނުވާނަމަ އެފަދަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވި ނަމަވެސް އެރަށެއް މޮނިޓަރިންގެ ހާލަތަށް ނުގެންނާނެ ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.

ރަސް އޮންލައިން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްއީއޯސީ އިން ބުނީ ރަށު ބަންދަށް ކަރަންޓީނަށްދާ މީހުން ޕޮޒިޓިވްވި ނަމަވެސް އެރަށަކަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިން ހާލަތައް ނުގެންނާނެ ކަމަށެވެ. ރަށްރަށަށް އަރައި ފޭބުން މަނާކުރަނީ ރަށްރަށުގެ ހޯމް ކަރަންޓީނުގައި ތިބޭ މީހުން ކަރަންޓީނުގެ އުސޫލުތަކާއި ޚިލާފުވުމުން ހަމައެކަނި ކޮންޓެކްޓް ޓްރޭސިން ނިމެންދެން އެކަނި ކަމަށް އެޗްއީއޯސީ އިން ބުނެ އެވެ.

"އުސޫލެއްގެ ގޮތުން ރަށުބަންދުގައި ތިބޭ މީހުން ގެއިން ބޭރަށް ނުކުމެގެން ނުވާނެ." އެޗްއީއޯސީ އިން ބުނެފައި ވެއެވެ.

މާލެ އިން ރަށްރަށައްދާ މީހުން 14 ދުވަހު ގޭގައި ކަރަންޓީނުވާންޖެހެއެވެ. ކަރަންޓީނުވާ މީހުން ކަރަންޓީނުން ދޫކުރަނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓް ހަދައި ނަތީޖާ ނެެގެޓިވްވުމުންނެވެ. މާލެ އިން ރަށްރަށަށް ހޯމް ކަރަންޓީނަށް ދިޔަ މީހުންގެ ތެރެއިން 20 ރަށަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުން މިހާތަނަށް ފެނިފައިވެއެވެ.

ރަށްރަށަށް ހޯމް ކަރަންޓީނަށް ދާ މީހުން އުސޫލުތަކާ ޚިލާފަށް ގެއިން ބޭރަށް ނުކުމެ އުޅޭނަމަ ރަށުގައި ބަލިފެތުރިދާނެތީ ހޯމް ކަރަންޓީނުގެ އުސޫލާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު