މޫސުމާއިބެހޭ ގައުމީ އިދާރާގެ އޮބްޒަވޭޝަން ވިއުގަ އަޕްގްރޭޑް ކުރުމަށާއި އިތުރަށް ފުޅާ ކުރުމަށް 1.5 މިލިއަން ޑޮލަރުގެ ފައިސާގެ އެހީގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް މެދުވެރިކޮށް ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސް ފެސިލިޓީގެ ދަށުން ހަމަޖެހުނު މި އެހީގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފައިވަނީ އެކަމަށްޓަކައި އެންވާރަމެންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ, މިނިސްޓަރު ތޯރިގު އިބްރާހީމްއެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން ހަނިމާދޫ، ހުޅުލެ، ކައްދޫ އަދި އައްޑޫ ސިޓީގައި ހުންނަ މެޓް އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

އޭގެ އިތުރުން, ނ. މާފަރުގައި މެޓްގެ އޮފީހެއް ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު އައްޑޫ ސިޓީ ގަމުގައި ގާއިމްކޮށްފައިވާ އަޕާ އެއަރ (ރޭޑިއޯ ސޮންޑޭ) ސިސްޓަމް މަރާމާތު ކުރުން ވެސް މި މަޝްރޫއުގައި ހިމެނޭކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ރާއްޖޭގައި މޫސުމާބެހޭ މަސައްކަތްތައް ކުރުމަށް މެޓް އޮފީސް އެންމެ ފުރަތަމަ ހުޅުވާފައިވަނި 1974 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން