ކޮންމެ ކަމެއް ގަވާއިދަކުން ހައްލެއް ނުކުރެވޭނެ ކަމަށާއި އެ ކަންކަން ހައްލު ކުރެވޭނީ ހައްލު ކުރެވޭނެ މަގު ދައްކައިގެން ކަމަށް ސައިރިކްސް ކޮލެޖުގެ ވެރިޔާ އަޙްމަދު ޝަރީފް، (ސައިރިކްސް ޝަރީފު) ވިދާޅުވެއްޖެ އެވެ.

ޝަރީފް ފޭސްބުކްގައި ރޭ ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިފަހުން ފެންނަނީ ގާނޫނެއްގައި ނެތް އެތަކެއް ގަވާއިދެއް ހަދައި ރައްޔިތުންނަށް ބިރުދައްކައި ޖޫރިމައިނާކުރުމާއި ޖިނާއީ ދައުވާ ކުރުމުގެ އިންޒާރު ދޭތަން ކަމަށެވެ.

އެގޮތުން ފާއިތުވި 16 އަހަރުގެ ތެރޭގައި އެތެރެކުރި 4 ފުރޮޅުލީ ވެހިކަލަށް ގަރާޖުސިޓީ ވިއްކައި، މީސްމީހުންގެ ގަރާޖުތަކަށް އެތަކެއް އުޅަނދެއް އެގަރާޖުގެ ވެރިފަރާތަށް ނޭނގި ރަޖިސްޓްރީކޮށް، މާލޭގެ މަގުމަތީގައި ނަންބަރު ޖަހައި ވިއްކައި އެތަކެއް މިލިއަނެއް ނެގި ސަރުކާރު އޮފިސަރުންގެ މައްސަލަ ވެސް ނުބެލި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މީހުންގެ މައްސަލަ ނުަބަލައި ކުރިން 16 އަހަރުގެ ނުގަވައިދުގެ ތެރެއިން ހިންގި ކަންކަން ގަވައިދަކުން ހަރުކަށި އުސޫލުނެރެގެން ރަނގަޅު ކުރަން އުޅޭތީ ވެސް ޝަރީފް ފާޑު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެކަންކަން ރަނގަޅު ކުރެވޭނީ މުޅިދައުލަތުގެ ސިސްޓަމް އިސްލާހްވެގެން ކަމަށެވެ.

"ވެހިކަލް އެތެރެކޮށް ޑިއުޓީ ނަގައިފިއްޔާ ރަޖިސްޓްރީކޮށްދޭންޖެހޭނެ، ރަޖިސްޓްރީކޮށްދީފިއްޔާ ވެހިކަލް ޕާކު ކުރާނެ ތަންތަން ދައްކަންޖެހޭނެ، އަހަރީ ފީނަގަންޏާ ވެހިކަލްތަކަށް ހިމާޔަތާއި ރައްކާތެރިކަން ސަރުކާރުން ދޭންވާނެ، ކޮންމެ ކަމެއް ހައްލެއް ނުވާނެ ގަވާއިދަކުން، ހައްލުވާނީ ހައްލު ކުރެވޭނެ މަގެއް ދައްކައިގެން." ޝަރީފް ވިދާޅުވި އެވެ.

މާލޭގައި ޕާކިންގެ މައްސަލަ ވަރަށް ބޮޑެވެ. އެކަމަށް ހައްލެއް ހޯދުމަށް ހަތަރު ހާސް އުޅަނދު ޕާކު ކުރެވޭ ވަރަށް ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން