ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެެވެ.

ޢަބްދުލްޢަޒީޒު ޢަބްދުﷲ ވަނީ ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.

ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުން އެދި ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.



ޢަބްދުލްޢަޒީޒް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 ޖުލައި 1959 ގައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީއެއްގެ މަގާމާއި ޏ. އަތޮޅު އަތޮޅުވެރިކަންވަނީ ކުރައްވާފައެވެ.

މީގެ އިތުރުން ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރުކަމާއި އެ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުވެސް ޢަބްދުލްޢަޒީޒް ޢަބްދުﷲ ވަނީ އަދާކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޏ. އަތޮޅުގެ މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ މަޖިލީހުގެ ޏ. އަތޮޅު މެންބަރުކަންވެސް އޭނާ ކުރެއްވިއެވެ.

ޢަބްދުލްޢަޒީޒް ޢަބްދުﷲއަށް ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ ޤައުމީ އިނާމް މިދިޔަ އަހަރު ލިބިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން