ރަޖިސްޓްރީނުކޮށް އަދި ލައިސެންސެއް ނެތި ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ސިއްހީ އެއްވެސް ހިދުމަތެއް ދެވޭނީ ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން އެ ތަން ރަޖިސްޓްރީކޮށް އަދި އޮޕަރޭޓިން ލައިސެންސް ހޯދުމަށް ފަހު ކަމަށެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ ސިއްހީ ހިދުމަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ރާއްޖޭގައި ދެވޭނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ލައިސެންސް ހޯދުމަށް ފަހު ކަމަށެވެ.

އެހެން ނަމަވެސް އެ ގާނޫނާ ހިލާފަށް މިހާރަކަށް އައިސް އޯލްޓަނޭޓިވް ބޭސްފަރުވާ ނުވަތަ ދިވެހި ބޭހާއި ހިޖާމާގެ ހިދުމަތް ދެމުންދާ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ހެލްތު މިނިސްޓްރީން ވަނީ ގާނޫނާ ހިލާފަށް މަސައްކަތްކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

"ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 20 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ރަޖިސްޓްރީނުކޮށް އަދި ލައިސެންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދިވެހިރާއްޖޭގައި ދިނުމަކީ ކުށެއް ކަމުގައިވާތީ މި ފަދަ ފަރާތްތަކާ ދޭތެރޭ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަން އާއްމުކޮށް އަންގާ އިއުލާންކުރަމެވެ." މިނިސްޓްރީން ނެރުނު އިއުލާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން