ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ފަައިސާ ދެއްވި ކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން ފެތުރި ޚަބަރު ރައީސް އޮފީހުން ދޮގުކޮށްފިއެވެ.

ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން" ކޮންމެ މަހަކު ދެއްވަމުން އަންނަ ބައިލައްކަ ރުފިޔާއަށް މި މަހު 25،000ރ. އިތުރު ކުރުމަށްފަހު ކޮންމެ މެންބަރަކަށް 75،000ރ. ދޫކޮށްފައިވާ ކަމަށް "އަދަދު" ނޫހުގައި ވަނީ ރިޕޯޓްކޮށްފައެެވެ. އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދީފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ، ޕީއެންސީ އޮފީހުގަ އެވެ.

ރައީސް މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ "އަދަދު އޮންލައިންގައި" ޝާއިޢުކުރި ރިޕޯޓަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވުމަށް ހީނާ ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން