މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ފުލުހުން ބަންދުކޮށްފި އެވެ.

މިއީ މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ފުރަތަމަ އޮޕަރޭޝަން ހިންގީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. މި އޮޕަރޭޝަނުގައި "ޓްރާންސްފަރ މޯލްޑިވްސް" ގެ ނަމުގައި، ހުއްދަ ހޯދުމަކައި ނުލައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިއުމާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިޔަފާރި ހުއްޓުވައި، އެތަނުގައި ނޯޓިސް ހަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެމްއެމްއޭ އިން ހުއްދަ ނުނަގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ސޮވެނިޔަރ ވިޔަފާރި ކުރާތަނެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އެގޮތުން ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔަރ ފިހާރައަށް ގޮސް ބެލިބެލުމުން އެތަނަކީ އެމްއެމްއޭ އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ބާތިލުކޮށްފައިވާ ކަމަށް ފުލުހުން މަައުލޫމާތުދެއެވެ.

މީގެއިތުރުން މި އޮޕަރޭޝަނުގައި، ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ބައެއް ތަންތަން ބަލައިފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން