އާސަންދައިން ކުރާ އިސްރާފު ހުއްޓުވުމަށްޓަކައި، ބޮޑު އަގުގައި ބޭސް ވިއްކައި ނުހައްގު މަންފާ ހޯދުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އަންގަވައިފިއެވެ.

އެކަން ހާމަކުރައްވައި މިރޭ "އެކްސްގައި" ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޑޮކްޓަރީ ބޭސް ރާއްޖެއަށް އެތެރެކޮށް މިިހާތަނަށް ވިއްކަމުން ގޮސްފައިވަނީ 200 އިންސައްތައިން ފެށިގެން 2000 އިންސައްތަައާ ދެމެދުގެ ފައިދާއެއް ލާފައި ކަމަށެވެ. 

އަދި ބޭހުގެ އަގުން މިވަރުގެ ބޮޑު ފައިދާއެއް ނަގަމުންދާ ދިއުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކަމާ ބެހޭ އިދާރާތަކުން އެޅުމަށް އަންގަވާފައިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. 

"ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި. ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ވާނީ އަންގާފައި." ރައީސް އެކްސްގައި ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އެ ފިޔަވަޅުތައް އެޅުމުގެ ނަތީޖާއަކަށްވާނީ ބޭހުގެ ބާޒާރުގައި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވުން ކަމަށެވެ. މިބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފުސީލާއި ފިޔަވަޅުތައް އަޅާނެ މުއްދަތުގެ ތާވަލުތައް ވަރަށް އަވަހަށް އާންމުކޮށް އިއުލާނުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މިފިޔަވަޅާއެކު މިހާރު އާސަންދައިން އިސްރާފުވާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވި، ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރުމަށް މަގުފަހިވާނެ ކަމަށެވެ. 

"މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ.،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސް މިފަދަ އެންގުމެެއް އަންގަވާފައިމިވަނީ ބޭހުގެ އަގުތައް ރެގިއުލޭޓުނުކުރެވުމުގެ ސަބަބުން ނުހައްގު އެތައް ފައިދާއެއް ބޭސް އެތެރެކުރާ ފަރާތްތަކުން ސަރުކާރުގެ ހިލޭ ބޭސްފަރުވާ ދޭ އާސަންދަ ސްކީމު ތެރެއިން ހޯދާކަމުގެ ޝަކުވާ އާންމުން ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން