ދުނިޔޭގެ ކްރެޑިޓް ރޭޓިން ފާމް، މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންއަށް ބަދަލު ގެނައި ނަމަވެސް ބޭރުފައިސާ އިތުރުވެ ދަރަނި ދައްކައި ގޮންޖެހުންތައް ހައްލުކުރެވޭނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފިއެވެ.

މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ1އިން ސީއޭއޭ2އަށް ދަށް ކޮށްފައެވެ.

މޫޑިސްގެ ރިޕޯޓުގައި ބުނެފައިވަނީ މި ބަދަލު ގެނައީ ކުރިއަށް އޮތް ދެ އަހަރު ދައްކަން ޖެހޭ ދަރަނި އިތުރުވުމުން ކަމަށެެވެ. އެގޮތުން އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ހިމެނޭކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މި ރޭޓިންއާ މެދު މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރުފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރުފައިސާ އިތުރުކުރެވޭނެ ގޮތަށް މަނިޓަރީ ގަވާއިދު އިސްލާހުކޮށް މި ބަދަލުތައް މިމަހު އިއުލާންކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެއްވެސް ލޯނެއް ޑިފޯލްޓްވެ ނުދެއްކޭނެ ހާލަތަށް ނުދާނެ ކަމުގެ ޔަގީން ކަން މަރުކަޒީ ބޭންކުން ވަނީ ދީފައެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ޕޭމެންޓް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އެ ޕޭމެންޓް ދައްކަންޖެހޭ ތާރީޚަށް ބަރާބަރަށް ފައިސާ ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. 

އެމްއެމްއޭން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް އޮގަސްޓު މަސް ނިމުނުއިރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ ރިޒާވް އޮގަސްޓު މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އަރާފައިވާއިރު ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި އޮގަސްޓު މަސް ނިމުނުއިރު ހުރީ 61.22 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މިއަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024 ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން