އަހުމަދު ޝާހް   12 ސެޕްޓެމްބަރު 2024 - 13:20
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުالله ފަޔާޒް ސޮއި ކުރައްވައި އިއްޔެ ނެރުއްވި ދެންނެވުމެއްގައި ވަނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އުވާލައްވާފައިވާކަން ދެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް ނިންމަވާފައިވަނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އިއްޔެއިން ފެށިގެން އުވައިލައްވައި، އެ އިދާރާއިން ކުރަމުންދިޔަ މަސައްކަތްތައް، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރަމުންދާގޮތަށް ބަދަލު ކުރެއްވުމަށެވެ.

އަދި މިގޮތަށް ހަމަޖެއްސެވީ، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ކުރަމުންދިޔަ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގައި، މިހާރަށްވުރެ ޚަރަދު ކުޑަ ގޮތެއްގައި އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ މީގެކުރިންވެސް ހިންގަމުން ދިޔައީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން