ޝާން މުހައްމަދު   13 ސެޕްޓެމްބަރު 2024 - 9:16
މޮރޮކޯއިން އެމްޕޮކްސް ނުވަތަ މަކުނުވިދުރި ބަލީގެ ކޭސްއެއް ފެނިއްޖެއެވެ.

އެގައުމުގެ ސިއްހީ ވުޒާރާއިން ބުނީ އެގައުމުގެ މަރާކިޝްގައި ހުރި ފިރިހެނަކަށް މި ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިދިޔަ މަހު އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އިރު މިއީ އޭގެ ފަހުން މި ބަލި ގައުމަކުން ފެނުނު ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ.

މެދުތެރޭ އެފްރިކާގައި މި ބަލީގެ އާ ވައްތަރެއް ނުވަތަ އާ ކްލޭޑެއް ހަލުވިކަމާއެކު ފެތުރެމުންދާކަންވެސް ފާހަގަ ކުރެވެއެވެ.

މޮރޮކޯގެ ސިއްހީ ވުޒާރާއިން ބުނީ އެގައުމުން މި ބަލި ފެނުނު ކަމުގައި ވިޔަސް އެގައުމުން ފެނުނީ މި ބަލީގެ ކޮން ވޭރިއެންޓެއްކަން އަދި ނޭނގޭ ކަމަށެވެ. އަދި މި ބަލި ޖެހިގެން ފަރުވާ ހޯދަމުން އަންނަ މީހާގެ ހާލު ރަނގަޅު ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މޮރޮކޯގެ ކަމާބެހޭ ފަރާތްތަކުން ދަނީ އެމީހާއާ ބައްދަލުވެފައިވާ އެންމެންގެ ސިއްހީ ހާލަތު ހޯދައި މޮނިޓަރ ކުރަމުންނެވެ. ބުރާސްފަތި ދުވަހުގެ މެންދުރު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްވެސް މީހެއްގެ ފަރާތުން އަލާމާތެއް ނުފެންނަ ކަމަށެވެ.

އެމްޕޮކްސް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓް ވުމުންނެވެ. އަދި ވައިރަސްގެ އަސަރުކޮށްފައިވާ ތަކެތީގައި އަތްލުމުން ވެސް ބަލި ފެތުރިދާނެ އެވެ.

2024 ވަނަ އަހަރު އެފްރިކާގެ 14 ގައުމަކުން މި ބަލީގެ 20،000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު މި ބަލި ޖެހިގެން މިހާތަނަށް 500 އަށްވުރެ ގިން މީހުން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން