މާޝާ މިދުހަތު   21 އޯގަސްޓު 2020 - 0:51
ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ކުރިމަތިލައްވާފައިވާ 41 ބޭފުޅުންގެ ތެރެއިން 15 ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ސިވިލްސަރވިސް ކޮމިޝަނަށް ކުރިމަތި ލެއްވި ބޭފުޅުންނާއި އިންޓަވިއު ކުރުމުގެ މަރުހަލާއަށްފަހު ކޮމިޓީއަށް ފެންނަ އެންމެ ރަނގަޅު ނަންތަކުގެ ގޮތުގައި 15 ބޭފުޅެއް ނަންވަނީ ތަޅުމަށް ފޮނުވަން ނިންމާފައެވެ.

މި 15 ބޭފުޅުންގެ ތެރޭގައި މިދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅުންނާއި، ތަޢުލީމީގޮތުން މަތީ ފާސްތަކާއި ތަޖުރިބާހުރި ބޭފުޅުން ހިމެނެއެވެ. މިއީ މިހާތަނަށް ކޮމިޓީން އެންމެ ބޭނުންވާގޮތަށް ކޮމިޝަނަކަށް މެމްބަރުންތަކެއް ކުމަތިލެއްވި ފުރަތަމަ ފަހަރުކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުނެއެވެ. ކޮމިޓީން 15 ނަމެއް ތަޅުމަށް ފޮނުވަން ފާސްކުރި ނަމަވެސް ކޮމިޓީން ތަރުތީބުކޮށްފައިވާ ލިސްޓަށް ވޯޓަށް އެހުމުގެ ކުރިންވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަންގެ 4 މެމްބަރަކު ވަކި ކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމާއި ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. މިހާރު ސިވިލް ސަރވިސް ކޮމިޝަންގައި ހުންނެވީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާޠިމަތު އާމިރާ އެކަންޏެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަން ކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން