އާސަންދައިން އިންޑިއާއަށް ބޭސްފަރުވާއަށް ބަޔަކު ފުރުވާލަނީ
އާސަންދައިން އިންޑިއާއަށް ބޭސްފަރުވާއަށް ބަޔަކު ފުރުވާލަނީ
ސަރުކާރުގެ ބޭސްފަރުވާގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރިއަށް ގެންދާ އާސަންދައިގެ ދަށުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ 40 ދިވެހިން މިއަދު އިންޑިއާއަށް ބޭސްފަރުވާއަށް ފުރައިފިއެވެ.

ކޯވިޑް-19 ގެ ސަބަބުން ޚާއްސަ ހުއްދައެއްގެ ދަށުން ދިވެހިންނަށް އިންޑިއާގައި ބޭސްފަރުވާ ކުރުމުގެ ފުރުސަތު އިންޑިޔާ ސަރުކާރުން ވަނީ ހުޅުވާލާފައެވެ. އެގޮތުން އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވާ ފަސްވަނަ ބެޗް މިއަދު ހަވީރު 4:15 ގައި އިންޑިއާގެ ކޮޗިންއަށް ފުރާފައިވާ ކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން މި ބެޗްގައި އާސަންދައިގެ ހަރަދުގައި 18 ބަލިމީހުންނާއި 18 އެހީތެރިން އަދި ހަތަރު މެޑިކަލް އެސްކޯޓުން ވަނީ އިންޑިޔާއަށް ގޮސްފައެވެ.

އާސަންދައިން ބުނީ މި ބެޗްގެ ބަލި މީހުންގެ ފަރުވާ ހަމަޖެހިފައި އަމްރީތާ ހޮސްޕިޓަލުގައި ކަމަށެވެ. އަދި މި ބެޗްގައި އެންސްޕާގެ ދަށުން ތިން އެހީތެރިއަކާއި އަމިއްލަ ހަރަދުގައި ޓިކެޓް ނަގައިގެން ތިން އެހީތެރިއަކު ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އާސަންދައިން ބުނީ މިއަދު އިންޑިޔާއަށް ދިޔަ ފްލައިޓް ރާއްޖެ އަންނަ އިރު، މި ބެޗްގައި ދިޔަ ހަތަރު މެޑިކަލް އެސްކޯޓުންނާއި ކުރިން ފަރުވާއަށް ގޮސްފައިވާ 19 ބަލި މީހަކާއި 18 އެހީތެރިން އަންނާނެ ކަމަށެވެ.

މި ބެޗްގައި ވެސް ހުރިހާ ފަސިންޖަރުން އިންޑިއާއަށް ގޮސްފައިވަނީ އިންޑިއާގެ ވިސާ ހަމަޖައްސައި، އެގައުމުގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވް ނަތީޖާއާއެކުއެވެ. އަދި އިންޑިއާއިންވެސް މި ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެއެވެ. ރާއްޖެއިން މިއަދު ދިޔަ މީހުންވެސް އެގައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަން ޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށް އާސަންދައިން ބުންޏެވެ.

ކޯވިޑް-19 އާ ގުޅިގެން އިންޑިއާގެ ހާއްސަ ހުއްދައާއެކު ބޭސްފަރުވާއަށް އެގައުމަށްދިޔަ ހަތަރު ދިވެއްސަކު މިހާތަނަށް ވަނީ މަރުވެފައެވެ. އާސަންދައިން ބުނީ އެ ހަތަރު މީހުންނަކީ އިންޑިއާއަށް ދިއުމުގެ ކުރިންވެސް ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ހަތަރު މީހުން ކަމަށެވެ. މީގެ އިތުރުން އާސަންދައިގެ ދަށުން އިންޑިޔާއަށް ދިޔަ ބައެއް މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެސް ވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން