ކޯވިޑް-19 މިއަދުގެ އަދާހަމަ
ކޯވިޑް-19 މިއަދުގެ އަދާހަމަ
ރާއްޖެއިން ކޯވިޑް-19 އާ ގުޅިގެން ނެގި ސާމްޕަލްގެ ޢަދަދު ލައްކަ އަކަށް އަރައި، 13 އަތޮޅަށް ބަލީގެ މޫ ފެތުރިއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް 100233 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މިވަގުތު ކޮވިޑް ކޭސް ތަކެއް ފެނުމާއި ގުޅިގެން 21 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ޖުމްލަ 13 އަތޮޅަކަށް މިހާރު ވަނީ ކޯވިޑް-19 ގެ މޫ ފެތުރިފައެވެ. އެއީ، ހއ، ހދ، ނ، ބ، ރ، ޅ، ކ، އދ، ފ، ވ، ތ، ސ، އަދި ފުވައްމުލައް ސިޓީ އެވެ.

އެޗްޕީއޭއިން ބުނީ، އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް 145 މީހަކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެއާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 6370 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 166 ދުވަސް ވެފައިވާއިރު ފުރަބަންދަށް ލުއިދިންފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 142 މީހަކު ޕޮޒިޓިވް ވެފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 3 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުގެ ތެރެއިން 123 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވް ވެފައިވަނީ ބަނގްލަދޭޝްގެ 11 މީހަކާއި އިންޑިއާ 3 މީހުންނާއި ސްރީލަންކާގެ 5 މީހުންގެ އިތުރުން ނޭޕާލް މީހަކާއި، ޖަޕާން މީހަކާއި، ޖޯޑަން މީހެއް ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖެއިން ވަނީ 127 މީހަކު ބަލިން ރަނގަޅުވެފައެވެ. މިއާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 3915 އަށް އިތުރުވެފައެވެ.

މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2431 ގައެވެ. އެޗްޕީއޭ އިން ބުނީ ރާއްޖެއިން ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 161 އަށް އަރާފައި ކަމަށެވެ.

މިވަގުތު އައިސޮލޭޝަންގައި ތިބީ 1355 މީހުންނެވެ. އެޗްޕީއޭއިން ބުނީ 10 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 2 ފަތުރުވެރިންނާއި 13 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ.

ބަލީގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިހާތަނަށް 24 މީހަކު ވަނީ ކޯވިޑް-19 ގައި ރާއްޖެއިން މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން