ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓަން ރައްޔިތުން އިތުރު ބާރެއް ލާން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ޑިމޮކްރަސީ ދުވަހާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢިލް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ މިހާރު އޮތް ވަރަށް ވުރެ ފަހަތަށް ސޮއްސާލުމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން މިފަދަ ދުވަހެއް މިއަދު ފާހަގަކުރަމުންދާއިރު މިހާރު މި އޮތް ހާލަތަށް އައުމަށް ކުރި ދަތުރު ހަނދާންކޮށް، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓަން ރައްޔިތުން އިތުރު ބާރެއް ލާން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތައް އަހަރެއްގެ އުނދަގޫ ދަތުރަކަށް ފަހު، މި ހިސާބަށް އާދެވުނު ނަމަވެސް، ޑިމޮކްރަސީ ފައްކާކުރުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރެސީ ކުރިން އޮތް ހާލަތަށް ދިއުމުގެ ބިރު އެބައޮތް ކަމަށާއި މިނިވަންކަން ދަމަހައްޓަން އިތުރަށް މަސައްކަތްތައް ކުރަންޖެހޭކަަން ފައްޔާޒު ފާހަގަކުރެއްވިއެެވެ.

އެހެން ނޫން ނަމަ ހުދުމުހުތާރު ވެރިންގެ ސަބަބުން މިނިވަންކަން ގެއްލި ހިނގައިދާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ ދިވެހިން ތިބީ މި ޑިމޮކްރެސީ ދެމެހެއްޓުމަށް ސާބިތުވެ ކަމަށެވެ. އެހެންކަމުން ރައްޔިތުން ހިތްވަރު ގެއްލުވާލަން ޖެހޭ ސަބަބެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން