ޤަވާއިދާ ޚިލާފަށް ރަޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުތަކާއި، މާލެ ސަރަހައްދަށް ރަޖިސްޓްރީ ނުކޮށް މިސަރަހައްދުގައި ދުއްވާ އުޅަނދުތަކުގައި ސްޓިކަރ ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން، ރަޖިސްޓްރީ ނުކުރާ އުޅަނދުތަކާއި، "އޭ" ޒޯން ނުވަތަ މާލެ ސަރަހައްދު ހިމެނޭ ޒޯނަށް ރަޖިސްޓަރ ނުކޮށް މާލޭ ސަރަހައްދުގައި ދުއްވާ އުޅަނދުތައް ޤާނޫނާއި ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ފުރުސަތު ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މިފަދަ އުޅަނދުތައް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް ފްލެޓުތައް ކައިރީ އޮންނަ ހުސް ބިމަށް ގެންދިއުމަށް ފުލުހުން ވަނީ އަންގާފައެވެ. އެއާއެކު އެއުޅަނދުތަކުގައި ސްޓިކަރ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ސްޓިކަރ ހަރުކުރާ އުޅަނދުތައް ސްޓިކާގައި ބަޔާން ކުރާ ސުންގަޑީގެ ކުރިން ނެގުމަށް އުޅަނދުގެ ވެރިފަރާތަށް ފުލުހުން ނެރުނު ބަޔާނުގައި ވަނީ އަންގާފައެވެ.

ޤަވާއިދާއި ޚިލާފަށް ހުރި އުޅަނދުތައް ބެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުގައި އުޅަނދުތައް ބެހެއްޓުމަށް 6 މަސް ދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމާފައެވެ. އެމުއްދަތުގެ ތެރޭގައި އުޅަނދުތައް ޤަވާއިދުގެ ތެރެއިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން