ބޮކްސާ ތެރެއަށް ލައިގެން މަސްތުވާތަކެތި ފޮރުވި މީހެއްގެ މައްޗަށް ”ޑައިމޯފިން“ ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ އުމުރު ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ކުށް ސާބިތުވި މީހާ 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ހުކުމް ކޮށްފައެވެ. މި މަހުގެ 16 ވަނަ ދުވަހު ކޯޓުން ހުކުމް ކުރި މި މީހާ އަކީ މާލެއަށް ނިސްބަތްވާ އަހްމަދު މިފްޒާލް ނަމަކަށް ކިޔާ ފިރިހެނެކެވެ.

މި މައްސަލައިގައި އަހުމަދު މިފްޒާލުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މިފްޒާލް ޖަލުގައި ތަންފީޒުކުރަން ޖެހޭނީ ބަންދުގައި ހުރި މުއްދަތު ކަނޑާލުމަށްފަހު 24 އަހަރާއި 10 މަހާއި 20 ދުވަހެވެ.

މީގެ އިތުރުން އުމުރު ދުވަހުގެ ޖަލު ހުކުން ފިޔަވައި އެހެން އަދަބެއް ދިނުމުގެ އިޙްތިޔާރު ފަނޑިޔާރަށް ދީފައި ނުވިނަމަވެސް ޖޫރިމަނާކުރުމުގެ އިޙްތިޔާރު ވަނީ ދެއްވާފައެވެ. މި އިޙްތިޔާރުގެ ދަށުން ޤާޒީ ވަނީ މިފްޒާލް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، މި ފައިސާ 16 ސެޕްޓެމްބަރު 2024 ވަނަ ދުވަހުން ފެށިގެން 12 މަސްދުވަސްތެރޭ މީރާއަށް ދައްކާ ޚަލާސްކުރުމަށް އަމުރުކޮށްފައެވެ.

އަހުމަދު މިފްޒާލުގެ މައްޗަށް ދައުލަތުން ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށް، 27 ޖޫން 2019 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫއިން ޏ. ފުވައްމުލަކަށް ފުރާ ފެރީއިން މަސްތުވާތަކެތި ގެންދަން އުޅޭ ކަަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ އަތުން ޑްރަގް ފެނިފައިވާތީ ހައްޔަރު ކޮށްފައެވެ.

އޭނާ ލައިގެން ހުރި ބޮކްސާތެރެއިން ފެނިފައި ވަނީ 100.8972 ގްރާމް ޑައިމޯފިން އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން