ލެފްޓިނެންޓް ކާނަލް (ރިޓަޔާޑް) އަބްދުލްޣަނީ: އޭނާ ކޮވިޑް ބަލީގައި ރޭ ވަނީ އަވަހާރަވެފަ
ލެފްޓިނެންޓް ކާނަލް (ރިޓަޔާޑް) އަބްދުލްޣަނީ: އޭނާ ކޮވިޑް ބަލީގައި ރޭ ވަނީ އަވަހާރަވެފަ
ކޯވިޑް-19 އަށް ފައްސިވެގެން ފަރުވާކުރަމުންދިޔަ ކުރީގެ ސިފައިންގެ އޮފިސަރަކު ރޭ ނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ކޯވިޑް-19 ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ރޭ 01:28 ހާއިރު  ނިޔާވީ ސިފައިންގޭގައި ގިނަ ދުވަސް ތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ލެފްޓިނެންޓް ކާނަލް (ރިޓަޔާޑް) އަބްދުލްޣަނީ ކަމަށެވެ. އެމްއެންޑީއެފް އިން ބުނީ ރިޓަރާޑް އަބްދުލްޣަނީ އަކީ 1960 ވަނަ އަހަރުން ފެށިގެން 48 އަހަރާއި 11 މަސް ދުވަހުގެ މުއްދަތަކަށް ސިފައިންގޭގައި ޚިދުމަތް ކުރެއްވި ބޭކަލެއް ކަމަށެވެ.

އަބްދުލް ޣަނީ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގައި ކަނޑުމަތީގެ ޚިދުމަތްތަކުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. އަބްދުލްޣަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އޮގަސްޓު 10 ވަނަ ދުވަހު އެވެެ. އަދި ފަރުވާ ދިނުމަށް އޭނާ ފެސިލިޓީއަށް ގެންދިޔައީ އޮގަސްޓު 11 ވަނަ ދުވަހު އެވެ. ސިފައިންގޭގައި އިޚްލާސްތެރިކަމާ ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން އަބްދުލްޣަނީއަށް ޝަރަފުގެ ނިޝާނުގެ ގޮތުގައި 9 ކުލަ އާއި 7 މެޑަލް ލިބިވަޑައިގެންފައި ވެއެވެ.

އަބްދުލްޣަނީ އަވަހާރަވިއިރު އުމުރުފުޅުން 82 އަހަރެވެ.

ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 21 ދިވެހިންނާއި ހަތަރު ބިދޭސީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން