މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު
މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު
މަޖިލިސް މެޖޯރިޓީން ފާހަގަކުރާ ކަންކަން ސަރުކާރުން އިސްލާހު ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި ވާދަވެރި ޕާޓީތަކުން މިސަރުކާރުގެ ވައްކަމުގެ ތުހުމަތުތައް ގިނަ ކަމަށް ބުނަމުންދާ ކަމަށެވެ. ސަރުކާރުން އެގެންދަނީ އެމްޑީޕީ މެޖޯރިޓީ މަޖިލީހަށް ޖާގަދެއްވާ، ކަންކަން ފާހަގަކޮށް އިސްލާހް ކުރައްވަމުންކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަން ހިނގީ އެހެން ނޫންކަމަށާއި އޭގެ ބަދަލުގައި ޔާމީންގެ ވެރިކަމުގައި މަޖިލީހަށް ވެއްދީ ސިފައިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ޓްވީޓްގައި ވަރަށް ނުސީދާ ގޮތަކަށް ސަރުކާރުން ކަންކަން އިސްލާހު ކުރަމުން ގެންދަނީ އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހަށް ޖާގަ ދެއްވަމުން ކަމަށް ވިދާޅުވި ނަމަވެސް ސިޔާސީ ގޮތުން ގޮތް ނިންމަން ޖެހޭ ގިނަ ކަންކަމުގައި ސަރުކާރުން މަޖިލީހަށް ހުށައަޅާކަންކަން މިހާތަނަށް ވެސް ނިމިގެން ގޮސްފައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ދިގު ބަހުސްތަކަކަށް ފަހުގައިކަން ފާހަގަ ކުރެވެއެވެ.



ކޯވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްގެން ކުރި މަސައްކަތްތަކުގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާކަން އޮޑިޓް އޮފީހުގެ ޚާއްސަ އޮޑިޓުން ވަނީ ހާމަވެފައެވެ. އެ ދެ މިނިސްޓްރީ މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތުކުރާ ޚިޔާނާތުގެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިހާރު ވަނީ ބަލަން ފަށާފައެވެ.

މި ޚިޔާނާތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެންބަރުންގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންވެސް ގެންދަވަނީ މިމައްސަލައިގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު