މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހަންމަދު ނާޝިޒް
މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހަންމަދު ނާޝިޒް
ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ ބަލި މަޑުކަމުގައި ކުރިމަތިވި ހާއްސަ ހާލަތުގައި ކުރިން ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރި 15 ބިލިއަން ރުފިޔާ ގެއްލިގެން ގޮސްފައިވާ ކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ރައްޔިިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހަންމަދު ނާޝިޒް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ދިމާވި ހާއްސަ ހާލަތުގެ ސަބަބުން ދައުލަތަށް ވަންނަ އާމްދަނީ ވަރަށް ބޮޑުތަން ދަށްވެފައިވާ ކަމަށެވެ. އެގޮތުން ގާތްގަޑަކަށް 14 ނުވަތަ 15 ވަރަކަށް ބިލިއަން ރުފިޔާގެ ޝޯޓޭޖެއް މި އަހަރުގެ ބަޖެޓުގައި އުޅޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ނާޝިޒް ވިދާޅުވިއެވެ. އަދި އެ ޝޯޓޭޖް ފައިނޭންސް ކުރަން އިތުރު އެޑިޝަނަލް ފައިނޭންސް ނަގަން ޖެހޭ ކަމަށާއި، ނުނަގައިފިނަމަ ސަރުކާރު ނުހިނގާނެ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހަންމަދު ނާޝިޒު ވިދާޅުވިއެވެ.

ފައިނޭންސް ނުނަގައިފިނަމަ ސަރުކާރުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ވެސް ނުދެވޭނެ ކަމަށް ނާޝިޒު ވިދާޅުވިއެވެ.

ސަރުކާރެއް އޮންނަނީ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ހައްލު ހޯދައި ދިނުމަށްކަން  ނާޝިޒް ފާހަގަކުރެއްވިއެވެ.

"ފައިސާ ބޮރޯވެސް ކުރަން ޖެހޭނެ. އެކަންތައްތަކާއެކީގައި މެނޭޖް ކުރުމަށް ސަރުކާރެއް މި އޮންނަނީ." ނާޝިޒް ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވި މަރުހަލާގައި ޓްރާންސިޝަނަލް ފައިނޭންސް ކޮމިޓީގެ ކޯ ޗެއަރއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކަމަށާއި، އެއިރު ހެދި ޕްލޭންގައި ފުރަތަމަ ކަމަކަށް އެންމެ ބޮޑު ސަމާލުކަމެއް ދިނީ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކާ ކުރިއަށް ގެންދަން ޖެހޭ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށް ނާޝިޒް ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ދެއަހަރު ރައްޔިތުންނަށް ފެނާއި ނަރުދަމާ، ސިއްހީ ހިދުމަތް އަދި އަރައި ފޭބުމުގެ ދަތިތައް ހުރި ރަށްރަށުގައި އެ ދަތިތައް ފިލުވަން ޚަރަދު ކުރުމަށްފަހު ތިން ވަނަ އަހަރުން ފެށިގެން ދަރަނި އަދާކުރަމުން ގެންދިޔުމަށް އޭރު މަޝްވަރާ ކުރެވުނު ކަމަށާއި، އެހެން ނަމަވެސް ކޮވިޑާ ގުޅިގެން މިއައި ހާލަތުގެ ސަބަބުން އެކަން މިހާރު ބަދަލުވެގެންދާނެ ކަމަށް ނާޝިޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތް ގޮތުން ނަމަ ފުރަތަމަ 2 އަހަރުގެ ތެރޭގައި އިތުރު ހަރަދު ދިޔަކަމުގައިވީ ނަމަވެސް އަދި އިތުރު ފައިނޭންސް ހޯދައިގެން ނަމަވެސް އެ ހިދުމަތްތައް ގާއިމް ކުރުމަކީ އެއީ ސަރުކާރުގެ ވިސްނުން. ލިޔެކިޔުމުން ފެންނަން ހުންނާނެ 3 ވަނަ އަހަރުން ފެށިގެން އޮންނާނީ ދަރަނި އަދާކުރުމާއި ދަރަނި ކުޑަކުރުމަށް މަސައްކަތް ކުރުން. އެހިސާބުން ފެށިގެން ކެޕިޓަލް ޕްރޮޖެކްތްތަކަށް ކުރާ ހަރަދު ކުޑަވެގެން އައީމަ އެ އަންނަ ތަފާތުން ލިބޭ އެއްޗަކުން ނުވަތަ ބާކީ ކުރެވޭ ވަރަކުން ދަރަނިތައް އަދާކުރެވޭނެ." ނާޝިޒް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ހެދި އަހަރުގެ ބޮޑު ބައެއް މިދިޔައީ އެކަމުގައި ކަމަށާއި އެހެން ކަންތައްތަކާއި މަޝްރޫއުތައް ކުރިއަށް ދާންޖެހޭ ސްޕީޑުގައި ނުދާ ކަމަށް ވެސް ނާޝިޒް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެކަން ނާޝިޒް ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު