އިދިކޮޅު އެމްޑީޕީ ވެރިކަމުން ނުބޭލިނަމަ ދިވެހިން މިއަދު އުޅެންޖެހޭނީ ފުޅި ބައްތީގައި ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިިހެން ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރަށް 10 މަސް ފުރުމާއި ގުޅިގެން "އެކްސްގައި" ކުރެއްވި ޕޯސްޓެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ދިވެހި ރައްޔިތުން ނިކުމެ 2023 ވަނަ އަހަރު އެމްޑީޕީ ވެރިކަމުން ނުބޭލިނަމަ ރައްޔިތުން މިއަދު ދިރިއުޅެންޖެހޭނީ ފުޅި ބައްތީގެ އަލީގަައި ކަމަށެވެ. އަދި ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނަށް ޖެހިވަޑަައިގަތީ "ލޫޓުވާލާފައި" އޮތް ގައުމެއް އާރާސްތު ކުރުމުގެ މަސައްކަތް ފައްޓަވަން ކަމަށް ޝުޖާޢު ވިދާޅުވިއެވެ.



މީގެ އިތުރުން ޝުޖާޢު މިއަދު ވަނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނަކާއި ގުޅިގެން ޝުޖާ ވިދާޅުވީ، އެމްޑީޕީން އިންތިހާބުގެ ވޯޓާއި ދިމާކޮށް ތަންތަނަށް ނުކަތާ ވަރަށް ކުންފުނިތަކަށް ވަގުތީ ގޮތުން ގިނަ އަދަދެއްގެ މުވައްޒަފުން ނެގި ކަމަށެވެ. އަދި އެ މުވައްޒަފުން ނެގިއިރު މުސާރަ ދެވޭނެ ގޮތެއް ނެތް ކަމަށާއި އެމީހުންނާއެކު ވެވުނު ކޮންޓެކްޓް އާނުކުރީ އެހެންވެގެން ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ އެ މުވައްޒަފުންނަށް އެމްޑީޕީން ދިން ވަރަށް ބޮޑު އަނިޔާ އެއްް ކަމަށެވެ. ޝުޖާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން މަސްވެރިންނަށް ވެސް އޮޅުވާލީ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުން މަސްވެރިންގެ އަތުން ބޮޑު އަގުގައި މަސް ގަނެ ވެރިކަމުން ވަކިވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވެސް ނުދީ ކަމަށް ޝުޖާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްވެރިން ހިތްހަމަޖެހޭގޮތަށް ނިޒާމު ރާއްވަވައި ފުނޑިފަ ހުރި އައިސް ޕްލާންޓްތައް ހަދައި ފެކްޓްރީތަކުގެ އާބާތުރަ ފިލުއްވައި ދެއްވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ބޭއްވި ރިޔާސީ އިންތިޚާބު ރައީސް މުޢިިއްޒު ކާމިޔާބުކުރެއްވީ އިންތިހާބުގެ ދެވަނަ ބުރުގައި އޭރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ މައްޗަށް ކުރި ހޯއްދަވައިގެންނެެވެ. ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ދައްކާގޮތުން، 129،159 ވޯޓާ އެކު ރައީސް މުޢިއްޒު ވަަނީ 54.04 ޕަސެންޓް ވޯޓް ހޯއްދަވާފައެވެ. ދެވަނަ ދައުރަކަށް ވާދަ ކުރެއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގަތީ 109،868 ވޯޓާ އެކު 45.96 ޕަސެންޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން