ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދާކަމަށްބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންވެސް ނޭގުމުން ކުރިމަތިވަމުންދާ ދަތިތަކާހުރެ، ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުންކަމަށް ބުނެ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ކަނޑަމުން ދާކަމަށެވެ.

ނަމަވެސް ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް ޕާޓީގެ މެންބަރުން އަދިވެސް ދަނީ އައްޔަނުކުރަމުން ކަމަށާއި އެކަމަކީ ރައީސް ކެމްޕޭންގައި ވައުދުވި ގޮތާއި ހިލާފު ކަމެއްކަމަށް ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނެފައިވަނީ، ކުންފުނިތަކުން ވަކިކުރަމުން ދަނީ މި ސަރުކާރަށް ތާއީދު ނުކުރާ މުވައްޒަފުން ކަމަށާއި އަދި އެކަން ކުރަންފެށީ ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުން ވަކިކުރަން ފަށާނެކަމަށް ބުނެ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި އިންޒާރު ދީފައިވަނިކޮށްކަމަށެވެ.

އެހެންކަމުން ސިޔާސީ މަގާމުތަކަށް އައްޔަނު ކޮށްފައިވާ މީހުންގެ ތެރެއިން ކުރާނެ އެއްވެސް މަސައްކަތެއް ނެތި އައްޔަނު ކޮށްފައިވާ މީހުން މަގާމުތަކުން ވަކިކުރުމަށާއި ބޭކާރު ގޮތުގައި ސަރުކާރުން ކުރަމުންދާ ހަރަދުތައް މަދުކުރުމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ގޮވާލާފައި ވެއެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރާ ވަގުތީ މުވައްޒަފުންގެ ތެރެއިން މަސައްކަތް ހުއްޓިފައިވާ ސައިޓްތަކުގެ މުވައްޒަފުން ވަކިކުރަން އެ ކުންފުނިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން