މެރިޓައިމްގެ ދާއިރާ ހަރުދަނާކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ވަރުގެ މަސައްކަތްޕުޅެއް މިހާތަނަށް ރާއްޖޭގެ ވެރިއަކު ކުރަށްވާފައިނުވާ ކަމަށް، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ވަޖީހު މިހެން ވިދާޅުވީ ހއ. އުލިގަމުގައި އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ، މެރިޓައިމް ދާއިރާއިން ރައީސް ޑރ. މުއިއްޒު މިހާތަނަށް އައިއިރު ކުރެއްވި މަސައްކަތްޕުޅަކީ މިހާތަނަށް އެއްވެސް ރައީސަކު ނުކުރައްވާ މަސައްކަތްކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. ވަޖީހު ވިދާޅުވީ މެރިޓައިމް ދާއިރާއިން ރައީސް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ރާއްޖޭގައި ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އަމާޒަކީ މެރިޓައިމް ސިނާއަތް ރާއްޖޭގެ އިގްތިސާދުގެ ތިން ވަނައަށް ނަފާ ހޯދައިދޭ ސިނާއަތަށް ހެދުން ކަމަށް ވަޖީހު ވިދާޅުވިއެވެ.

"އަދުގެ ރައީސް މިހާހިސާބަށް އެކުރެއްވި މަސައްކަތްތަކަކީ މިހާތަނަށް އެއްވެސް ރައީސަކު ނުކުރައްވާ މަސައްކަތްކަން ޤަބޫލުކުރަން ޖެހޭ. އެހެން ނޫންނަމަ އެމަނިކުފާނުގެ ވެރިކަމުގެ 10 މަސް ދުވަހުގެ ތެރޭގައި މިވަރުގެ މަސައްކަތެއް ނުނިމޭނެ. މިކަން ވެގެންދާއިރު ދިވެހި ރާއްޖޭގެ މެރިޓައިމް ދާއިރާ ވާނީ އިޤްތިޞާދަށް ނަފާ ހޯދާދޭ ތިންވަނަ އިންޑަސްޓްރީއަށް،" ވަޖީހު ވިދާޅުވިއެވެ.

ވަޖީޙް ވިދާޅުވީ އެމްޕީއެލުން މިހާތަނަށް ދެމުން އައީ ކޮންޓެއިނަރ ބޭލުމުގެ ޚިދުމަތް ކަމަށެވެ. އަދި އެކަމުން ލިބޭ އާމްދަނީއިން ޚަރަދުތައް ހަމަޖައްސަން ޖެހުމުން ޚިދުމަތުގެ އަގު ބޮޑުވެގެންދާކަން ވަޖީހް ވިދާޅުވިއެވެ. މެރިޓައިމް ޚިދުމަތްތަކާއެކު ކުންފުނީގެ އަމާޒަކީ ޚިދުމަތްތަކުގެ އަގު ހެޔޮކޮށް، މުދަލުގެ އަގު ހެޔޮކޮށްދިނުންކަން ވަޖީޙު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން