އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމަށް ފިޔަވަޅު އެޅުމަށް އެދި ދީނީ އިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ދީނީ އިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒް ރައީސް މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވީ 18 ސެޕްޓެމްބަރު 2024 ގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްކޮންފަރެންސެއްގައި، އިސްލާމިކް މިނިސްޓަރ ޝަހީމް، ދައުލަތުގެ ނިޝާން ޖެހި ޕޯޑިއަމްގައި ހުންނަވައިގެން ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެވަޑައިގަތްކަމަށް ބެލެވޭ ވާހަކަތަކެއް ދައްކަވާފައިވާ ކަމަށާއި، މިފަދަ އަމަލަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ކުރެއްވުން އެކަށީގެންނުވާ، އަދި އިސްލާމީ އަޚްލާޤާއި ދިވެހި މުޖުތަމަޢުގެ އާދަކާދައާ ޚިލާފް އަމަލެއް ކަމުގައި ދެކޭ ކަމަށެވެ.

އިޔާޒު ވިދާޅުވީ ޤައުމީ ނިޝާންޖެހި ޕޯޑިއަމެއްގައި ވާހަކަފުޅު ދައްކަވަން ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވަނީ ރަސްމީ ހައިސިއްޔަތަކުން ރަސްމީ ވާހަކަފުޅު ދެއްކެވުމަށް ކަމަށެވެ. ޝަހީމްގެ އެ އަމަލަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުޤީޤް ކުރަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ޑރ އިޔާޒް ވިދާޅުވިއެެވެ.

މިނިސްޓަރ ޝަހީމްގެ މިއަމަލު ކުށްވެރިކުރައްވައި، މުސްތަޤްބަލުގައިވެސް މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިނިސްޓަރގެ މައްޗަށް އެކަށީގެންވާ ފިޔަވަޅު އަޅުއްވައި ދެއްވުމަށް ޑރ. އިޔާޒް ވަނީ އެދިވަޑައިގެންފައެވެ.

ޑރ އިޔާޒް ރައީސް މުއިއްޒަށް މިސިޓީ ފޮނުއްވީ އިއްޔެ ރައީސް އޮފީހުގައި އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިޔާޒްގެ އަނބިކަނބަލުންނާއި ގުޅޭގޮތުން ޝަހީމް ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ. މިނިސްޓަރ ޝަހީމް ވިދާޅުވީ ޑރ އިޔާޒުގެ އަނބިކަނބަލުން ކޮންޓްރޯލް ނުވާ ކަމަށާއި ބުނާބަސް ނާހާ ވާހަކަ މީސްމީހުންގެ ގާތުގައި ޑރ. އިޔާޒް ދައްކަވަމުން ވަޑައިގަންނަވާ ކަމަށާއި، އެހެންކަމަށްވާނަމަ އެފަދަ ބަސްނާހާ ކުއްޖަކާ އެއްކޮށް ނޫޅެން މީހަކު ބުނެފާނެ ކަމަށެވެ.

"އެހެންވެއްޖިއްޔާ ދެން މީހަކު ބުނެދާނެ ދޯ ޑރ. އިޔާޒަކީ ނުލާހިކު މާތް ބޭފުޅެއް، އެކަހަލަ ބަސްނާހާ ކުއްޖަކާ އެއްކޮށް އުޅޭކަށް ނުވާނެއޭ. އޭގެ މާނައަކީ ސަރުކާރުގެ ފަރާތުން އެންގީއެކޭ ނޫން އަންހެނުން ވަރިކުރަން،" މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން