މަތީ ތައުލީމަށް ކިޔަވަން ލޯނު ދޫކޮށްފައިވާ ދަރިވަރުންނަށް ފައިސާ ދޫކުރުން ނުހުއްޓޭ ކަމަށް މިނިސްޓްރީ އޮފް ހަޔަރއެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓުން މިއަދު ހާމަކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ހަޔަރއެޑިއުކޭޝަން މިނިސްޓްރީން ބުނީ ކިޔަވަން ލޯނު ދޭނެކަމަށް ލިޔުން ދޫކުރެވިފައިވާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި ރައްޔިތުން ބޭނުންވީ އަވަސް މިނުގައި ފައިސާ ދޫކުރެވެމުން ދިޔަކަމަށް ބެލެވެން ނެތް ނަމަވެސް އެކަމަށް އެއްވެސް ހުއްޓުމެއް އައިސްފައި ނުވާ ކަމަށެވެ.

މިނިސްޓްރީން މިފަދައިން ބުނެފައި މިވަނީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ލޯނުދޫކޮށްފައިވާ ބައެއް ދަރިވަރުންނަށް ފައިސާ ނުދޭކަމަށް ބުނެ ހަބަރުތައް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

މި އަހަރު ލޯނު ދިނުމަށް 1،300 އަށްވުރެ ގިނަ ދަރިވަރުން ހޮވިފައިވާކަން ހާމަކުރައްވަމުން މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށްވެސް ލޯނު ލިބޭނެ ކަމަށެވެ.

”މިދިޔަ އަހަރުވެސް ވަރަށް ގިނަ ދަރިވަރުންނަށް ލޯނު ދޭ ގޮތަށް އޮތީ ނިންމާފަ. އެހެން ނަމަވެސް އެދަރިވަރުންގެ ތެރެއިން ވެސް ގިނަ ދަރިވަރުންނަށް ލޯނުގެ ފުރަތަމަ ޕޭމަންޓު ދިނުމުގެ މަސައްކަތްވެސް ކުރަން ޖެހުނީ މިސަރުކާރުން.“ ލޯނު ދިނުމުގައި މިންސްޓްރީން ކުރަމުންދާ މަސައްކަތްތައް ހާމަކުރަމުން މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް ދަރިވަރުންނަށް 473 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ. އަދި ލޯނު ދޫކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަލުވިވާނެ ގޮތަށް ޑިޖިޓަލައިޒް ސިސްޓަމެއް ތަރައްގީކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން