މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާއި، ތަރައްޤީގެ ސަބަބުން ލިބޭ ފައިދާ ހުރިހާ ދިވެހިންނަށް ކުރާނެ ތަސައްވަރެއް އޮތީ ހަމައެކަނި އެމްޑީޕީގެ އަތުގައިކަމަށް އެޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 69 އިންސައްތަ ނިމިފައިވާކަމަށް މިހާރުގެ ސަރުކާރާއި ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ޚަބަރަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފެށީ އުތުރުގެ އަތޮޅުތަކާއި އަދި މުޅި ރާއްޖޭގެ ތަރައްޤީގެ ތަސައްވަރަކާއެކު ކަމަށެވެ. އަދި އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން ބޮޑުތިލަދުންމައްޗަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ސަރަޙައްދީ މަރުކަޒަކަށް ވެގެންދާނެކަމަށާއި، މިއީ ބޮޑުތިލަދުންމަތީގެ އިތުރުން އުތުރުގެ އެހެން އަތޮޅުތަކުގެވެސް ތަރައްޤީގެ އައު ބާބެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މުޅި ރާއްޖެ މިގޮތަށް ތަރައްޤީކުރުމުގެ ތަސައްވަރެއް އޮތީ އެމްޑީޕީގައި އެކަނި ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އެހީއާއެކު، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭ.އެމް.ސީ އާއި ހަވާލުކުރީ އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރުއެވެ. ނަމަވެސް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ.

ޝާހިދު ވިދާޅުވީ އެމަސައްކަތުގައި ބައިވެރިވެ، ކުރެވުނު މަސައްކަތާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން