ޒަހީނުއްދީން ސަޢީދު   19 ސެޕްޓެމްބަރު 2024 - 18:10
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ހއ. ހޯރަފުށީގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަންކަރިންގެ ޚިދުމަތް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީގެ ފަސް ދާއިރާއެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. އެއީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި، އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރުގެ އިތުރުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި އެ ކަމަށް ބޭނުންކުރާ ބޯޓުތަކަށް ޚާއްސަ ވޯޓާ ސެލިއުޓެއް ވަނީ ދީފައެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ދޭނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެންނެވެެ. ބަންކަރިންގެ ހިދުމަތަށް ހާއްސަ އޮފީސް އިމާރާތް ހުންނާނީ ހއ. އުލިގަމުގަ އެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތަށް ދެ ބޯޓް އެސްޓީއޯ އިން މިހާރު ވަނީ ގެނެސްފައެެވެ. އެއީ ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލޭ "މެރިން ބެއްލާ" އާއި "މެރިން އެންޖެލް" އެވެެ.

ބަންކަރިންގެ ހިދުމަތާ އެކު އިންޓަނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ހިދުމަތެއް އެމްޕީއެލްގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

އިހަވަންދިއްޕޮޅުގައި ފެށި މި ހިދުމަތުގެ ދަށުން، އެންމެ ފުރަތަމަ ބަންކަރިން ހިދުމަތް ފޯރުކޮށްދެވުނީ އެމްއެސްއެސް އިން އޮޕަރޭޓްކުރާ "ވައިސީ ބެރިއާ" އުޅަނދަށެވެ. މިއީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ، މަހަކު 200 ޓަނުގެ ތެޔޮ ބޭނުންކުރާ އުޅަނދެކެވެ.

އިހަވަންދިއްޕޮޅަކީ ދުނިޔޭގެ މުހިންމު ޝިޕިން ރޫޓްތަކާ ގުޅިފައިވާ، މެރިޓައިމް ހިދުމަތްތައް ތަރައްގީކުރުމަށް އެކަށޭނަ ސަރަހައްދެކެވެ. މި ސަރަހައްދުގައި ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ބުނެއެވެ.

ބަންކަރިންގެ މި ހިދުމަތުގެ ތެރޭގައި ޕައިލަޓޭޖް، ކްރޫ ޗޭންޖު، ޝިޕް ޓު ޝިޕް ސާވިސް، ފްރެޝް ވޯޓާ ސަޕްލައި، އަދި އެހެނިހެން ގިނަ ހިދުމަތްތަކެއް ހިމެނެއެވެ.

އެމްޕީއެލް އިން ވަނީ މި ހިދުމަތަށްހާއްސަ ވެބްސައިޓަކާއި 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ވެސް ގާއިމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން