ފާއިތުވި ދުވަސްތަކުގައި ފޯނުން ޖަވާބު ނުދެވުނީ އެއްފަހަރާ ގިނަ އަދަދެއްގެ ދަރިވަރުން ގުޅުމުގެ ސަބަބުން ކަމަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ހަޔަރއެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓުން މިއަދު ބުނީ މި ދެއަހަރު ލޯނަށް ހޮވުނު ދަރިވަރުންނާއި، ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނާއި އެ ދަރިވަރުންގެ ފަރާތުން އެކިއެކި ކަންކަމުގައި ގުޅާ ހުރިހާ ފަރާތްތަކަށް ޖަވާބު ދިނުމުގައި މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ދަތިތަކެއް ދިމާވި ކަމަށެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީން ބުނީ އެ މިނިސްޓްރީން މަސައްކަތް ކުރަނީ ހުރިހާ ކޯލް ތަކަކަށްވެސް ޖަވާބުދާރީވެވޭތޯ ކަމަށާއި ނަމަވެސް އެއް ދަރިވަރެއްގެ ކަންތަކުގައި އެތައް މީހަކު، މައިންބަފައިންނާ ރައްޓެހިންނާ ތިމާގެ މީހުން ގުޅަން ފެށުމުން ކޯލްތައް އިތުރުވެގެން ދިޔަ ކަމަށް މިނިސްޓްރީން ފާހަގަ ކުރިއެވެ.

މިހާރު ގާތްގަނޑަކަށް ހުރިހާ ކޯލަކަށްވެސް ޖަވާބުދާރީވެވިފައިވާކަމަށާއި މެއިލް ތަކަށްވެސް ޖަވާބުދާރީ ވެވިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ފުރަތަމަ ޕޭމަންޓް ދިނުމުގައި ބަލަންޖެހޭ ބައިވަރު ކަންކަން ހުންނަކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ދަރިވަރުންގެ ލޯނުތަކަށް ފައިސާ ދޫކުރަން ފަށާނީ ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމުން ކަމަށެވެ.

ކިޔަވަން ފަށާ ދަރިވަރުން ކިޔަވަންދާ ޔުނިވަރސިޓީ އާއި ކިޔަވާކަމުގެ ލިޔުންފަދަ މުހިންމު ލިޔުންތައް ލިބުމުން ނޫނީ އެއްވެސް ދަރިވަރަކަށް ފައިސާ ދޫ ނުކުރެވޭނެ ކަމަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ބައެއް ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތަކުންވެސް މި ލިޔުންތައް ހުށަނާޅައި ޕޭމަންޓް ހަމަނުޖެހިގެން ގުޅާކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

ހަޔަރއެޑިއުކޭޝަން މިނިސްޓްރީން މި މައްސަލަ ފާހަގަ ކޮށްފައި ވަނީ ބައެއް ދަރިވަރުންނާ ހަވާލާދީ ރާއްޖޭގެ ބައެއް މީޑިޔާތަކުން މިނިސްޓްރީން ފޯނު ނުނަގާކަމަށް ބުނެ ޝަކުވާތައް އިތުރުވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން