ސަރުކާރުން މިއަދު އަލަށް ފެށި ބަންކަރިންގެ ޚިދުމަތާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ގޮތަށް ކުރީގެ ވެރިންތަކެއް ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ ގައުމިއްޔަތާއި ދެކޮޅު ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެެއެވެ.

ބަންކަރިން ޚިދުމަތް ފެށުމަށް މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ބަންކަރިން ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުން މަސައްކަތްތައް ފެށުމާއެކު އެކަމާއި މެދު ވަރަށް ބޮޑަށް ޝައްކު އުފައްދަން ކުރީގެ ވެރިން ވާހަކަ ދެެއްކެވި ކަމަށެވެ. އެގޮތުން ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުނީގެ ވިޔަފާރިތައް ރާއްޖެއަށް އަޔަ ނުދިނުމަށްޓަކައި އެބޭފުޅުން ވާހަކަ ދައްކަވަމުން ގެންދެވި ކަމަށް ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ކުރިން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ނުފެށުނީ އެކަންކުރާނެ ހިތްވަރު ނެތިގެން ކަަމަށެވެ. އެހެން ނަމަވެސް ރައީސް މުޢިއްޒަކީ ކަންކަން ކުރާނެ ހިތްވަރާއި އެވަގުތަކު ނަގަންޖެހޭ ޑިޝިޝަނެއް ނަންގަވާނެ ބޭފުޅެއް ކަމަށް ސަޢީދު ވިދާޅުވިއެވެ. ސަޢީދު ވިދާޅުވީ ރާއްޖެއަށް ބޮޑެތި ވިޔަފާރިތައް އައުމާއި ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުން ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށެވެ.

"ރާއްޖެ ބަނގުރޫޓުކުރުމަށް މި ކަން ވެސް ވިޔަ ނުދިނުމަށް ޓަކައި ދެ ލައްކައެއްހައި ރުފިޔާ މުސާރަ ވެސް ނަންގަވައިގެން ހަމަ ރެޔާއި ދުވާލު ބޮޑެތި ވާހަކަތައް ދައްކަމުން ގެންދެވީ،" ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ކުރީގެ ރައީސުންނަށް ރައްދުވާގޮތަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށީ ޤައުމާއި ރައްޔިތުންނަށް ހިތްވަރު ދޭންވެގެން ކަމަށެވެ. ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކު މަސައްކަތް ފެއްޓެވީމާ އެ ކަމަށް ދޭންވީ ހިތްވަރު ކަމަށެވެ. އަދި މިވަގުތަކީ ބަންކަރިން ޚިދުމަތާއި މެދު ޝައްކާއި ވަހުމް އުފައްދަންވީ ވަގުތު ނޫން ކަމަށް ސަޢީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ބަންކަރިން ޚިދުމަތަށް 15 އާއި 20 މިލިއަނާ ދެމެދުގެ މިންވަރަކަށް އެމެރިކާ ޑޮލަރު އެސްޓީއޯއިން އިންވެސްޓުކުރާނެ ކަމަށެވެ. ރައީސްގެ ވިސްނުންފުޅަކީ އާދައިގެ ގޮތަކަށް ޚިދުމަތް ފަށައި މަޑުމަޑުން ފުޅާކުރުން ކަމަށް ވެސް ސަޢީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ނެތިން 100 މިިލިއަން ޑޮލަރު ނުވަަތަ 200 މިލިއަން ޑޮލަރު ކިޔާކަށް. އަޅުގަނޑުމެންނަށް އެންމެ ރަނގަޅެއް ނޫންތޯ ޚަރަދު ކަނޑައިފައި އެންމެ 1000 ޑޮލަރު ލިބުނަސް ފައިދާއަށް،" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސަޢީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ފެށުމުގައި ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެ ކަމުގެ ތަޖުރިބާ ހުރި ބަޔަކާއެކު މަސައްކަތް ފެށުންކަމަށެވެ. ސަރުކާރުން މިއަދު ބަންކަރިންގެ ޚިދުމަތް ފެށީ އިގްތިޞާދީ ގޮތުން އެންމެ ރަނގަޅު ގޮތުގައި ކަމަށް ސަޢީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން