މި ސަރުކާރުގެ ”ސުވާލު އުފެދޭ ޚާރިޖީ ސިޔާސަތާ“ އެކުވެސް ރާއްޖެއާމެދު އިންޑިޔާއިން ބަހައްޓާ ގާތް ކަމަށް ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަބްދުالله ޝާހިދު ތައުރީފު ކުރައްވައިފިއެވެ.

ޝާހިދު އިންޑިޔާއަށް ތައުރީފު ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިޔާ އަކީ ވަރަށް ގާތް އެކުވެރި ގައުމެއްކަން ވަގުތާ އެއްކޮށް އަނެއްކާވެސް ސާބިތުކޮށްދީފައިވާ ކަމަށެވެ.

އަވައްޓެރި އިންޑިޔާއަށް ދިވެހި ސަރުކާރުން ދައްކަން ޖެހޭ 50 މިލިއަން ޑޮަލަރުގެ ލޯނު ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފައިވާކަމުގެ ލިޔުން ހިއްސާ ކުރައްވަމުން ޝާހިދު ވަނީ އިންޑިޔާއިން ރާއްޖޭގެ ރައްޔިތުންނާމެދު ބާއްވާ ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

މި 50 މިލިއަން ޑޮލަރަކީ ޓްރެޜަރީ ބިލުގެ މިއަހަރުގެ ދައްކަންޖެހޭ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާކޮށްފައެވެ. މި އަހަރުގެ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި މިކަމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ އިންޑިއާ ސަރުކާރާ މަޝްވަރާކުރައްވައި، މިކަމަށް އެދިވަޑައިގެންފައެވެ.

އިންޑިޔާގެ އެސްބީއައި މެދުވެރިކޮށް ނަގާފައިވާ މި ލޯނަކީ ކުރީ ސަރުކާރުގައި ބަޖެޓް ސަޕޯޓްގެ ގޮތުގައި ނަގާފައިވާ 150 މިލިއަން ޑޮލަރެވެ. އިންޑިޔާ ސަރުކާރުން ވަނީ މި ފައިސާގެ ބާކީ ދެއްކުމަށް އިތުރު އެއް އަހަރު ދިނުމަށް ނިންމާފައެވެ.

ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން