ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީ ގައި އޮތް މިދަނޑިވަޅުގައި އިންވެސްޓަރުންގެ އިތުބާރު ހޯދައި ބަންކަރިން ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި ބޮޑު ކާމިޔާބީ އެއް ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިހަވަންދިއްޕޮޅުގަައި ބަންކަރިން ޚިދުމަތް އިއްޔެ ވަނީ ފަށާފައެވެެ. އެކަމާއި ގުޅިގެން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ އަދި ބީ ޕްލަސްގައި އޮތްއިރު ފަށަން މަސައްކަތްކުރި އިހަވަންދިއްޕޮޅުގެ ބަންކަރިންގެ ޚިދުމަތް ނުފެށުނު ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީ އަށް ދަށްކޮށްފައިވާ މި ދަނޑިވަޅުގައި އިންވެސްޓަރުންގެ އިތުބާރު ހޯދައި ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަކީރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބީ އެއް ކަމަށް ޝުޖާ ވިދާޅުވިއެވެ.



ދުނިޔޭގެ ކްރެޑިޓް ރޭޓިން ފާމް މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ދާދިފަހުން ވަނީ ސީއޭއޭ1އިން ސީއޭއޭ2އަށް ދަށް ކޮށްފައެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން މިހާރު ވަނީ ސީސީ އަށް ދަށްކޮށްފައެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފައިވަނީ ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާ ލިބުން ދަތިވެފައިވާތީއެެވެ.

ކްރެޑިޓް ރޭޓިންއަކީ އިންވެސްޓަރުންނަށް އެ މީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރެވޭ އިންޑިކޭޓަރެކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިންއެއް މުހިއްމުވަނީ މި ސަބަބާހުރެއެވެ. ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ދޭނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެންނެވެެ. ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތަށް ދެ ބޯޓް އެސްޓީއޯ އިން މިހާރު ވަނީ ގެނެސްފައެެވެ. އެއީ ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލޭ "މެރިން ބެއްލާ" އާއި "މެރިން އެންޖެލް" އެވެެ. ދުނިޔޭގެ މުހިންމު ޝިޕިން ރޫޓްތަކާ ގުޅިފައިވާ، މެރިޓައިމް ހިދުމަތްތައް ތަރައްގީކުރުމަށް އެކަށޭނަ އިހަވަންދިއްޕޮޅުގައި ފެށި މި ހިދުމަތުގެ ދަށުން، އެންމެ ފުރަތަމަ ބަންކަރިން ހިދުމަތް ފޯރުކޮށްދެވުނީ އެމްއެސްއެސް އިން އޮޕަރޭޓްކުރާ "ވައިސީ ބެރިއާ" އުޅަނދަށެވެ. މިއީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ، މަހަކު 200 ޓަނުގެ ތެޔޮ ބޭނުންކުރާ އުޅަނދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން