ރާއްޖެއަށް އެންމެ މަންފާވާނެ ގޮތަކީ ދުނިޔޭގެ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުންކަމަށާއި އެމަގުން މުހިންމު ގިނަ މަސައްކަތްތަކެއް އދ.ގެ މަޖިލީހުގެ ބައްދަލުވުންތަކުގެ ތެރެއިން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އދ.ގެ 79 ވަނަ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް މިރޭ އިރާކޮޅު ފުރާވަޑައިގެންނެވުމުގެ ކުރިން މީޑިއާތަކަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއަށް ތަރައްގީ ގެނެވެން އޮތީ ދުނިޔޭގެ ގައުމުތަކާއި ގުޅުން ބަދަހިކޮށްގެން ކަމަށެވެ. ރާއްޖެއަށް އެންމެ މަންފާވާނެ ގޮތަކީ ދުނިޔޭގެ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަގުން އދ. ގައި މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގެ އެންމެ މުހިންމު ބޭނުމަކަށްވަނީ ރާއްޖޭގެ ވާހަކަތައް ކިޔައިދީ، ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދާއިރާތަކާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ސަމާލްކަމަށް ގެނައުންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަމުގެ އިތުރުން، ބޭރުގެ މަޝްރަހުގައި ހިނގާ ކަންކަމާ ގުޅޭގޮތުންވެސް ރާއްޖޭގެ ބަސް އިއްވަންޖެހޭ ކަންކަމުގައި ބަސް އިއްވާނެކަމަށެވެެ. އަދި މިދަތުރުފުޅުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވާ، ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު މިދަތުރުފުުގައި އދ.ގެ ސެކިއުރިޓީ ކައުންސިލްގެ އޯޕަން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅު ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އދ.ގެ ސަލާމަތީ މަޖީލީހުގެ ޑިބޭޓެއްގައި ދިވެހިރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއިން މުހިންމު 14 ބައްދަލުވުމެއްގައި ބައިވެރިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް މުޢިއްޒުގެ މިދަތުރުފުޅު ނިއްވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން