އދ.ގެ އާންމު މަޖިލީހުގެ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ދަތުރުފުޅު ވެގެންދާނީ ރައްޔިތުންނަށް ފައިދާ ހުރި ނަތީޖާ ނެރެވޭނެ ދަތުރުފުޅަކަށް ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ.ގެ އާންމު މަޖިލީހުގެ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި އދ ގެ އާންމު މަޖިލީހާ އަދި އެކިއެކި ބައްދަލުވުންތަކުގައި ޤައުމަށް މުހިންމު ކަންކަމުގައި ރާއްޖޭގެ ބަސް އިއްވަވާނެކަމަށެވެ. އެގޮތުން ރާއްޖެއަށް ފައިދާކުރަނިވި އެކިއެކި ކަންތައްތައް ކޮށްދެވިދާނެ ފަރާތްތަކާއި ގިނަގިނައިން ބައްދަލުކުރައްވައި އެކުގައި މަސައްކަތް ކުރެވެންޖެހޭކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިވަގުތު ރާއްޖޭގެ ހާލަތު އޮތްގޮތުންވެސް އދ އަށް ވަޑައިގެން ރާއްޖޭގެ ފަރާތުން ދައްކަވަންޖެހޭ ވާހަކަތައް ދެއްކެވުން މުހިންމުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެން ކަމުން މުހިންމު ހުރިހާ ކަމެއްގައި އދ.ގައި ރާއްޖޭގެ ބަސް އިއްވަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



"ޔޫއެންއަށް ދިއުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަދި އަމުދުން މިވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ ފަރާތުން ދައްކަން ހުރި ވާހަކަ ދެއްކުން. އަދި ދުނިޔޭގަ ހިނގާ އެކި ކަންކަމުގައި ވެސް އަޅުގަނޑުމެންގެ ބަސް އެތަނަށް ނުގޮސް އިއްވުމާއި އެތަނަށް ގޮސް ދެއްކުމާއި ވަރަށް ތަފާތު." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މި ދަތުރުފުޅުގައި ވީހާ ވެސް ގިނަ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަން ގަސްތުކުރައްވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރައްޔިތުންގެ ފަރާތުން ގިނަ ވާހަކަތަކެއް ހާމަކޮށްދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެހެން ކަމުން މި ދަތުރުވެގެންދާނީ ރައްޔިތުންނަށް ފައިދާ ހުރި ދަތުރަކަށް ކަމަށާއި ދަތުރުގު ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކުރަން މި ދަތުރުވެގެންދާނީ ރައްޔިތުންނަށް ފައިދާހުރި ދަތުރަކަށް، އަދި އޭގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ކާމިޔާބުކަމާއެކު ލިބޭނެ ދަތުރަކަށް ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރަނީ އަބަދުވެސް ރާއްޖެއަށް އެންމެ ފައިދާ ހުރިގޮތަށް ކަމަށެވެ. އެގޮތުން އެމަނިކުފާނު ދަމަހައްޓަވަމުން ގެންދަވަނީ "މޯލްޑިވިސް ފަސްޓް ޕޮލިސީ" ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތެއްވާ ކޮންމެ ބަޔަކާއެކީގައި އަޅުގަނޑުމެން ގާތް ގުޅުން އުފެއްދުމަކީ އަޅުގަނޑުމެންނަށް ހައްގު އެންމެ ރަނގަޅު ގޮތް،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން