އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރާއްޖެ އިން ވަރަށް ބޮޑަށް ހަރަކާތްތެރިވެ ލީޑަރޝިޕް ދައްކާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެއެެވެ.

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވަނީ އެމެރިކާއަށް ފުރާވަޑައިގެންފައެވެ. އެކަމާ ގުޅިގެން "އެކްސް"ގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރާއްޖެ އިން ވަރަށް ހަރަކާތްތެރި ރޯލެއް އަދާކުރާނެ ކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ފަހަކަށް އައިސް ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާއި ބައިވެރިވުމުގެ މައްޗަށް ބިނާކޮށް، އދ. ގައި ލީޑަރޝިޕް ދައްކަމުން ގެންދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒު އދ.ގެ ޖެނެރަލް ޑިބޭޓާއި، އދ.ގެ މުސްތަޤްބަލުގެ ސަމިޓާއި އަދި އެހެނިހެން މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. އަދި ރައީސް އދ. ގެ ސެކިއުރިޓީ ކައުންސިލްގައިވެސް ވާހަކަފުޅު ދައްކަވާގޮތަށް ހަމަޖެހިފައިވާއިރު މިއީ ދިވެހި ރާއްޖޭގެ ރައީސަކު ސެކިއުރިޓީ ކައުންސިލްގައި ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރުކަން ޒަމީރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ އެމަނިކުފާނު ވެސް ހުންނެވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަޑައިގަންނަވާ ބޭރު ގައުމުތަކުގެ އިއްޒަތްތެރިންނާއި އުފަލާއެކު ބައްދަލުކުރެެއްވުމުގެ އިންތިޒާރުގައި ކަމަށެވެ.

މީގެ އިތުރުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށާއި އަދި ހަރުދަނާ ހައްލުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ރައީސްގެ އދ. ދަތުރުފުޅުން ރަނގަޅު ނަތީޖާތަކެެއް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޒަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ އދގައި ރަނގަޅު ނަތީޖާތަކަކަށް ވާސިލުވެވޭނެ މާނަހުރި މަޝްވަރާތަކެއްގައި ބައިވެރިވެ، އެކަންތައްތައް ހިއްސާކުރެވޭނެ ކަމަށް،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން