އދ.ގެ އާންމު މަޖިލީހުގެ 79ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ވެރިރަށް ނިއުޔޯކަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަތުމުން، ޖޯން އެފް. ކެނެޑީ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައިހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ އަންގާރަ ދުވަހުގައެވެ. ރައީސްގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން ރައީސް އެކި ދައުލަތްތަކާއި ޤައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް މުޢިއްޒު މާލެ އެނބުރިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެމްބަރ މަހުގެ 29 ވާ އާދީއްތަ ދުވަހުއެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން