ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އދގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗަރގެ ހަވާސާގެ ތެރެއިން ބޭއްވި ސިޑްސްގެ ބައްދަލުވުމެއްގައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިޞާދު ސިންދަފާތުކުރުމަށް މާލީ އެހީ ބޭނުންވާ ކަަމަށެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން މިހާރު ކުރިމަތިވެފައިވާ ބުރަތައް ލުއިކޮށްދީ، ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދޭން މަސައްކަތްކުރަން ޖެހޭކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ސާޅީސް އިންސައްތައަށް ވުރެ ގިނަ ކުދި ޖަޒީރާ ޤައުމުތަކުން އަންނަނީ ދަރަނީގެ ތަކުލީފުތައް ތަހައްމަލުކުރަމުން، ނުވަތަ ވަނީ ދަރަނީގެ ތަކުލީފުތަކަށް ހުށަހެޅިފައި. އަޅުގަނޑުމެންގެ އެކުވެރި ގިނަ ޖަޒީރާ ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައިވެސް، ޑެޓް ޓު ޖީޑީޕީ ރޭޝިޔޯ ނުވަތަ ދަރަންޏާއި އުފެއްދުންތެރިކަމުގެ ރޭޝިޔޯ ވަނީ ސައްތައިންސައްތަ އަށް ވުރެ އިތުރުވެފައި." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކަކީ މަލީގޮތުން ފުދުންތެރި، އިގްތިސާދީގޮތުން ކުރިއަރާފައިވާ އަދި ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭ ކަމަށެވެ. އަދި އެ ބަދަލު ގެނައުމަށް މުޖްތަމައުގެ ބާރުވެރިކަން އިތުރުކޮށް، މުއައްސަސާތައް ހަރުދަނާކޮށް، އުފެއްދުންތެރިކަން އިތުރުކުރަންޖެހޭކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޑްސްގެ ގައުމުތަކުގެ އިގްތިސާދުތައް ބަރޯސާވެފައިވަނީ މަދު ސިނާއަތްތަކެއްގެ މައްޗަށް ކަމަށާއި، އެހެންކަމުން އިގްތިސާދު ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިގްތިސާދު ސިންދަފާތުކުރުމަކީ ހަމައެކަނި ހާސިލުކުރަން އޮތް އަމާޒެއް ނޫންކަމަށާއި، އެއީ ސިޑްސްގެ ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭކަމެެއްކަމަށެވެ. އަދި އެކަން ކުރެވޭނީ ގައުމުތަކުގެ އުފެއްދުންތެރިކަން އިތުރުކޮށްގެންކަމަށްވެސް ރައީސް ފާހަަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން