ސިޑްސްގެ ޤައުމުތަކަށް ކުރިމަތިވެދާނެ ބޭރުގެ ލޮޅުންތައް ކުޑަކޮށް މާލީ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ސްޕެޝަލް ޑްރޮވިންގ ރައިޓްސް ނުވަތަ މާލީ އެހީ ލިބޭނެ ޚާއްޞަ ގޮތްތައް އަލުން އެކަށައެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ ކުދި ޖަޒީރާ ގައުމުތަކުގެ، ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސިޑްސްގެ ޤައުމުތަކަށް ކުރިމަތިވެދާނެ ބޭރުގެ ލޮޅުންތައް ކުޑަކޮށް މާލީ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ސްޕެޝަލް ޑްރޮވިންގ ރައިޓްސް ނުވަތަ މާލީ އެހީ ލިބޭނެ ޚާއްސަ ގޮތްތައް އަލުން އެކަށައަޅަންޖެހޭ ކަމަށެވެ. އެގޮތުން މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު ގާތް ގުޅުމެއް ބޭއްވުމުގެ ތެރެއިން އިތުރު އިންވެސްޓްމަންޓްތަކާއި އިޤްތިޞާދީ އެކިއެކި ފުރުސަތުތައް ހޯދުމުގެ މުހިންމު ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ސިޑްސްގެ ޤައުމުތަކުގެ ތަރައްޤީގެ ކަންކަން އަމިއްލަ އިސްނެގުމާއެކު ކުރިޔަށްގެންގޮސް އުފެއްދުންތެރިކަން އިތުރުކޮށް، ހަރުދަނާ މުއައްސަސާތައް ބިނާކޮށް، މުޖުތަމަޢުތައް ބާރުވެރިކޮށް، ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތައް (ސިޑްސް) އިން ބައިނަލްއަޤްވާމީ އިޤްތިޞާދީ ހަލަބޮލިކަމުގެ ތެރޭގައި އެޤައުމުތަކުގެ އިޤްތިޞާދުތައް ސިންދަފާތުކޮށް ކުރިއަށް ދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި އެ ޤައުމުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މާލީގޮތުން ބޭނުންވާ ކަންކަން ހަމަޖެހިގެންދިއުމާއި އަދި ސިޑްސްއަށް ހަމައެކަނި ސަލާމަތުން ކުރިޔަށްދެވޭނެ މިންވަރުގެ ބަދަލުގައި އެޤައުތަކަށް ފާގަތިކަން ގެނެސްދިނުމުގައި ޑީއެސްއެސްއެސްއަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



މީގެ އިތުރުން ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ސިޑްސްގެ ނާޒުކުކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށް ސިޑްސްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެެ. އަދި ދަރަނި ލުއިކުރުމާއި ކްލައިމެޓް ފައިނޭސްއާ ދެމެދު ހަރުދަނާ ގުޅުމެއް އޮންނަންޖެހޭކަމަށް ވަކާލާތުކުރައްވައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީ.އެސް.އެސް.އެސް)ގެ ތެރެއިން ދަރަނި ދެއްކުމަށް އެކަށޭނަ، ފަހިގޮތްތަކެއް ހޯދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެތެރޭގައި އިންޓްރެސްޓް ރޭޓް ދަށްކުރުމާއި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކުރުންފަދަ ކަންކަމަށް ސަމާލުކަންދިނުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން