ރާއްޖެއިން އ.ދ ގައި ކުރަމުންދާ ދަތުރަކީ ދިވެހިން ފަހުރުވެރިވާ ފަދަ ކާމިޔާބު ދަތުރެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރާއްޖެ، އދ ގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ދެއްވި ހިތާބެއްގަ އެވެ.

އދ ގެ މައި މަރުކަޒުގެ ކައިރީގައި ހުންނަވާ ދެއްވި ވީޑިއޯ ހިތާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިއްޔެއަކީ ދިވެހިރާއްޖެ ދުނިޔޭގެ އެންމެ ބިޔަ އެންމެ ވަރުގަދަ ގައުމުތަކާ އެއް ސަފެއްގައި އެއް ހަމައެއްގައި ކުރިއަށް ދިއުމަށް މަގުފަހިވި ދުވަސް ކަމަށެވެ.

ރާއްޖެއިން އ.ދ ގައި ކުރަމުންދާ ދަތުރަކީ ދިވެހިން ފަހުރުވެރިވާ ފަދަ ދަތުރެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއީ އެކަހެރިކޮށް އޮތް ޖަޒީރާ ގައުމެއް ދުނިޔޭގެ ސިޔާސީ ސަފުތަކާ ގުޅި އެކުވެރިކަމުގައި ކުރާ ދަތުރެއް ކަމަށެވެ. އަދި އެއީ ނިކަމެތިކަމުން ފުދުންތެރިކަމަށް ބިންގާ އެޅުނު ދަތުރެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއީ ދުނިޔެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މޫސުމީ ބަދަލުގެ ނުރައްކާ ކުރިމަތިވާ ކަމުގެ ޚަބަރު، ރާއްޖެއިން މުޅި ދުނިޔެއަށް ދީ، ދުނިޔޭގެ ސަމާލު ކަމަށް އެ ކަން ގެނެސް ދިން ދަތުރެއް ކަމަށެވެ.



މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ އެންމެ މަތިވެރި މަސައްކަތް ކުރެވެނީ އދ. ގައި ކަމަށެވެ. އދ.ގެ މެމްބަރުކަން ރާއްޖެއަށް މުހިންމުވަނީ އެސަބަބާއި ހުރެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖެއަށް މިނިވަންކަން ލިބި، ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އެކު ގުޅުންތައް އުފައްދައި ކުރިއަށް ދިއުމަށް ފުރުސަތު ލިބުމާ އެކު އަވަސްވެގަތީ އދ. ގެ މެމްބަރަކަށް ވާން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޤައުމެއްގެ މިނިވަންކަން ފުރިހަމަ އަށް ދިފާއު ކުރެވިގެން ދާނީ، އެ ޤައުމެއްގެ ރައްޔިތުން އެކަން ބަލައިގަތުމުން އެކަނި ނޫން ކަމަށާއި މުއާހަދާ އެއްގައި ލިޔެ، ޗާޕްކޮށް، ޝާއިއު ކޮށްގެން އެކަނި ނޫން ކަމަށެވެ.

"ޤައުމެއްގެ މިނިވަންކަން، ބައިނަލްއަގްވާމީ މަސްރަހުގައި ދިފާއުކޮށް، ކުރިއެރުވޭނީ، އެ މިނިވަންކަން ލިބިއްޖެކަން އެހެން ޤައުމުތަކަށް އަންގައިދީގެން. ކަނޑައެޅިގެންވާ ވަކި ސަރަހައްދެއްގެ މައްޗަށް އެ ޤައުމެއްގެ ސިޔާދަތީ ބާރު އޮތް ކަމާއި އެ ބާރު ފުރިހަމައަށް ހިނގާ ކަމުގެ މައުލޫމާތު އެހެން ޤައުމުތަކަށް ފޯރުކޮށްދީގެން. އެ ސިޔާދަތީ ބާރަށް އެހެން ޤައުމުތަކުގެ އިހުތިރާމް ހޯދައިގެން، އދ. ގެ މެމްބަރުކަން މުހިންމު ވަނީ އެހެންވެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އދ. އަކީ ދުނިޔޭގެ މައި މަޖިލިސް ކަމަށާއި ދުނިޔެ އަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާ މައިދާން ކަމަށެވެ. އަދި އެއީ ދެބަސްވެ، އަރައިރުން ވުމުން ސުލްހަވާން ވާހަކަ ދައްކާ މައިދާން ކަމަށާއި އެ ތަނުގައި ކުރާ ބަހުސްތަކުގައި ރާއްޖެއިން ބަސް ބުނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ޚިތާބުގައި ވަނީ އދ. ގައި ރާއްޖެ އަދާކޮށްފައިވާ މުހިންމު ދައުރަށްވެސް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ފާއިތުވި 59 އަހަރު، ދިވެހި ދައުލަތުގެ މަންދޫބުން، ރާއްޖޭގެ ޑިޕްލޮމޭޓުން އދ. ގައި ދިވެހިރާއްޖޭގެ މަސްލަހަތު ކުރިއަރުވާފައިވާ ކަމަށެވެ. އަދި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ވާދަކުރަމުން ގެންދާއިރު, މީގެ ކުރިން ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

"ރާއްޖެ މިހާރު ދަނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރުކަމުގެ 3 ވަނަ ދައުރު ފުރިހަމަކުރަމުން، މިވޭތުވެ ދިޔަ ދިހަ ވަރަކަށް މަސްދުވަސް ތެރޭ، އަޅުގަނޑުމެން ވަނީ ދިވެހި ޤައުމީ މަސްލަހަތު، އިތުރު ބާރުމިނެއްގައި ކުރިއަރުވާފައި. ކުދި ޖަޒީރާ ޤައުމުތަކުގެ ކުރިއަށް އޮތް ދިހަ އަހަރު ގެ ތަރައްގީ ގެ ޕްލޭން އދ. އިން މިއަހަރު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، އެ މަސައްކަތުގެ ރިޔާސަތު ބެލެހެއްޓި ދެ ޤައުމުގެ ތެރެއިން އެއް ޤައުމަކީ ދިވެހިރާއްޖެ. އަޅުގަނޑުމެންގެ މިސްރާބުހުރީ އަދިވެސް ކުރިއަށް. ބާރު ދުވެލީގައި ކުރިއަށް،" އދ.ގައި ރާއްޖެ އިން ހޯދާފައިވާ ކާމިޔާބީތަކާއި އަދާކޮށްފައިވާ ދައުރު ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި އަދި ހިންގެވުމުގައި އަބަދުވެސް އެންމެ އިސްކަން ދެއްވާނީ ދިވެހިރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްކަމަށެވެ. ކުރިއަށްއޮތް އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަޞައްވަރު ހާމަކުރެއްވުމަށްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު އދ. އަށް ޒިޔާރަތްކޮށް، އެންމެ އިސްކަން ދޭނެކަމަކީ ދިވެހިރާއްޖެއާ މެދު އަޅުގަނޑު ދެކޭ ތަޞައްވަރު ހާމަކުރުން. ދިވެހިންގެ އަޑު، ދިވެހިންގެ ވިންދުގެ އަޑު، ދިވެހިންގެ އިޙުސާސްތައް އިއްވުމަށް." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން