ލ. ގަމުގައި އިމާރާތް ކުރާ 100 ހައުސިން ޔުނިޓްގެ 63 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ކުރި ޕޯސްޓެއްގައި ވަނީ މިއަދާހަމައަށް އައިއިރު، ގަމުގައި އިމާރާތްކުރަމުންދާ 100 ހައުސިން ޔުނިޓުގެ 63 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ގަމުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. މި މަޝްރޫއުގެ އަގަކީ 84.4 މިލިއަން ރުފިޔާއެވެ. މި މަޝްރޫއަކީ ދިވެހިރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސް ޞާލިޙުގެ ސަރުކާރުން ހިންގި ގިނަ މަޝްރޫއުތަކެއްގެ ތެރެއިން އެއް މަޝްރޫއެވެ.

ގައުގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ ކަމަށް ސަރުކާރު ވަނީ ބުނެފައެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހުންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން ބުނީ ގަމުގައި އަޅާ ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށާއި މުނިފޫހިފިލުވާލުމަށް ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ވެސް ގާއިމުކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން