ސްރީލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ
ސްރީލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ
ސްރީލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ދިސާނަޔަކަ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ސްރީލަންކާގައި ކުރިއަށްދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ސްރީލަންކާގެ ނެޝެނަލް ޕީޕަލްސް ޕަވާގެ ކެންޑިޑޭޓް އަނުރަ ކުމާރަ ދިސާނަޔަކަ އެވެ. އެމަނިކުފާނު އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ 42.31 އިންސައްތަ ވޯޓާއެކުއެވެ. ފައިނަލް ނަތީޖާ ނެރުނީ ދެވަނަ ފަހަރަށް ވޯޓު ގުނައި ޕްރަފަރެންޝަލް ވޯޓަށް ބަލައިގެންނެވެ.

އަނުރާގެ ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަނުރާއަށް ތަހުނިޔާ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް އެކުގައި މަސައްކަތް ކުރައްވަން ހުންނެވިކަމަށްވެސް ވިދާޅުވެފައެވެ.



ހޮނިހިރު ދުވަހު ސްރީލަންކާގައި ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގައި އަނުރަ ކުމާރަ ދިސާނަޔަކަ އާއި ވާދަކުރެއްވި އިދިކޮޅު ލީޑަރ ސަޖިތު ޕްރެމަދާސާ އަށް ލިބިފައިވަނީ 32.76 އިންސައްތަ ވޯޓެވެ. ހަމަ މިއިންތިހާބުގައި ވާދަކުރެއްވި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް 17.27 އިންސައްތަ ވޯޓު ލިބިފައިވާއިރު، ކުރީގެ ރައީސް ރާޖަ ޕަކްޝަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ލިބިފައިވަނީ އަށް 2.57 އިންސައްތަ ވޯޓެވެ.

ސްރީލަންކާގައި ކުރިއަށްދިޔަ މި ރިޔާސީ އިންތިހާބަކީ ކޮވިޑަށް ފަހު އިގުތިސާދީ ގޮތުން އަނދަވަޅަކަށް ވެއްޓިފައި އޮތް ސްރީލަންކާއަށް ލިބިގެންދާނެ އުއްމީދީ ހިތްވަރެއް ކަމަށް ގިނަބަޔަކު ދެކެއެވެ. މި އިންތިހާބުގެ ކާމިޔާބީ އަށް ފަހު ހޯމަ ދުވަހު، އަނުރަ ކުމާރަ ދިސާނަޔަކަ ރައީސްކަމުގެ ހުވާ ކުރައްވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން