ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. މި ތިން މީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެރޭ 19:00 އެހާކަންހާއިރުއެވެ. މިމައްސަލައާ ގުޅުންހުރިކަމުގެ ތުހުމަތުގައި 22 އަހަރުގެ މީހާއާއި 18 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައެވެ.

ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވަނީ އޮގަސްޓް 14 ވަނަ ދުވަހުގެރޭ އޭނާގެ ގެކައިރީ ހުރި ޕާކިންގ ޒޯންގައި ހުއްޓާ އެރަށު ހުޅަނގު ފަރާތު އަތިރިމައްޗަށް ސައިކަލު ގެންގޮސްގެންނެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އޮގަސްޓް 15 ވަނަ ދުވަހުގެ ހެނދުނު 08:55 އެހާކަންހާއިރުކަމަށް ފުލުހުން ބުނެއެވެ.

ސައިކަލުގައި ރޯކޮށްލުމުގެ ސަބަބުން ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މިމައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން