ދުނިޔެއަށް ބޭނުންވަނީ ހިޔާލީ ވާހަކަތަކެއް ދައްކާ ނިޒާމެއް ނޫންކަމަށާއި، ދުނިޔެއަށް މިއަދު ބޭނުންވަނީ ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތައް ހޯދައިދޭން އަމަލީގޮތުން މަސައްކަތްކުރާނެ ނިޒާމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ސަމިޓް އޮފް ދަ ފިއުޗަރ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަމިޓްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އަދުގެ ޖީލުތަކުން ބޭނުންވަނީ ވާހަކަތަކަށް އަމަލީ ސިފަ ގެނެސްދޭ ނިޒާމަކާއި، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ހިތްވަރާއެކު ކުރިމަތިލާން ލީޑަރުންތަކެއްކަމަށެވެ. އަދި އދ ހިނގަމުން އަންނަ ގޮތް ބަދަލުކޮށް، ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ތަނަކަށް އދ ވާންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އދ.ގައި އެކި ކަންކަމަށް މަޝްވަރާކޮށް، ތަސައްވުރުތައް ހާމަކުރަމުންދާތާ އެތައް އަހަރެއް ވެފައިވީނަމަވެސް، އެކަންކަން ހުރީ އަދިވެސް ހަޤީޤަތަކަށް ނުހެދިކަމަށެވެ. ރައީސް ވިދާޅުވީ މިއީ މަލްޓިލެޓަރަލް ސިސްޓަމްތައް މެދުވެރިކޮށް ކަންކަން ހަޤީޤަތަކަށް ހަދަންވީ ވަގުތުކަމަށެވެެ.

ރައީސް މުޢިއްޒު ވަނީ އެކަން ހާސިލުކުރެވޭނެ 3 ކަމެއްް ހުށައަޅުއްވާފައެވެ. އެގޮތުން ރައީސް ހުށައެޅުއްވި ކަންކަމަކީ، ޒުވާނުން ބާރުވެރިކުރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރުމުގެ އިތުރުން މާލީގޮތުން ޤައުމުތައް ބާރުވެރިކުރުވުމެވެ.

ރައީސް ވިދާޅުވީ ދިވެހި ޒުވާނުން ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީތައް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމަށް ސަރުކާރުން އިންވެސްޓްކުރަމުންދާކަމަށެވެ. އަދި ސަރުކާރުގެ ތަސައްވުރަކީ އިޤްތިޞާދީ ކުރިއެރުމާއި އިޖްތިމާއީ ހަމަހަމަކަމުގައި ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ ވިސްނުންތަކުގެ ދައުރު ބޮޑުކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ޑިޖިޓަލް އީޖާދުތަކުން ޒުވާނުން ބާރުވެރިވެފައިވާ، އިޤްތިޞާދީ ފުރުޞަތުތައް އިތުރު، އިޖުތިމާޢީ ހަމަހަމަކަން ޤާއިމުވެފައި އޮންނަ ރާއްޖެއެއްގެ ގޮތުގައި މުސްތަޤުބަލުގައި ފެނިގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިކަންކަމާއެކު ޒުވާނުން ބޭނުންވާ ގޮތަށް އެ މީހުންގެ މުސްތަޤްބަލު ބައްޓަންކުރުމުގެ ބާރު ލިބިގެންދާނެކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މޫސުމީ މައްސަލަތަކާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަކީ ހިޔާލީ ކަމެއް ނޫންކަމަށާއި، އެއީ ދުނިޔޭގެ 62 އިންސައްތަ ޒުވާނުންނަށް އެކަމުގެ އަސަރު ކުރަމުންދާ ކަމެއްކަމަށެވެ. އަދި ކުރިއަށް ޖީލުތަކުން ބަލާނީ ކޮށްދޭން ވައުދުވި ކަންކަމަށް ނޫންކަމަށާއި، ވަޢުދުތައް ފުއްދިފައިހުރި މިންވަރުގެ މައްޗަށްކަންވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން