އުފެއްދުންތެރިކަން އިތުރުކޮށް އިގްތިސޯދު ސިންދަފާާތު ކުރަން ކުދި ގައުމުތަކަށް އދ. އިން އެހީވާން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން "ބިލްޑިންގ ޕްރޮޑަކްޓިވިޓީ ކެޕޭސިޓީން އިން ސްމޯލް އައިލެންޑް ޑެލެވެލޮޕިންގ ސްޓޭޓް" ސައިޑް އިވެންޓްގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އުފެއްދުންތެރިކަމާއި އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރުމަކީ ދިގުމުއްދަތަކަށް، އިގްތިޞާދު ކުރިއެރުވުމަށް އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސަބަބުން އާމްދަނީ އިތުރުވެ މެދު ފަންތީގެ ގައުމަކަށް ބަދަލުވި ނަމަވެސް، ސިޑްސްގެ ގިނަ ގައުމުތަކާ އެއްގޮތަށް މެދުފަންތީގައި ހިފެހެއްޓިފައި އޮތް ކަމަށެވެ.

"މި ގޮންޖެހުމުން އަރައިގަތުމަށް ބޭނުންވަނީ ސްޓްރަކްޗާއަށް ބަދަލުގެނައުމާއި އިގްތިޞާދު ސިންދަފާތުކުރުމާއި އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަައީސް މުޢިއްޒު ވިދާޅުވީ، އުފެއްދުންތެރިކަމާއި، އުފެއްދުންތެރިކަމުގެ ކެޕޭސިޓީ ދިގު މުއްދަތަކަށް، އިންކްލޫސިވް އިގްތިސޯދީ ކުރިއެރުވުމަށް މަގުފަހި ކުރާނެ ކަމެއް ކަަމަށެވެ. އަދި އެއީ ދެމެހެއްޓެނިވި ތަރައްގީ ކުރިއަރުވަން އަސާސީ ކަމެއް ކަަން ރައީސް ފާހަގަކުރެެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އުފެއްދުންތެރިކަން އިތުރުވުމުގެ ސަބަބުން އާމްދަނީ އިތުރުވެ ވަސީލަތްތައް ކަނޑައެޅުން އިތުރުވެ، އިޖްތިމާއީ ވެލްފެއާއަށް މަގުފަހިކޮށްދޭ ކަމަށެވެ. އަދި މި އެޖެންޑާ ކާމިޔާބުކަމާއެކު ތަންފީޒުކުރެވޭނެ ގޮތް ކަށަވަރުކުރުމަށްޓަކައި، ސިޑްސްގެ ގައުމުތަކުގެ އިގްތިޞާދު ސިންދަފާތު ކުރުމަށް އެހީވެދީ، އުފެއްދުންތެރިކަން އިތުރުކުރުމުގެ ފްރޭމްވޯކް ހަރުދަނާ ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ގޮވާލެއްވިއެވެ. އަދި އެކަން ކުރެވޭނެ ގޮތްތަކެއް ރައީސް ވަނީ ހުށައަޅުއްވާފައެވެ.

ރައީސް ވިދާޅުވީ ޓެކްނޮލޮޖީގެ ކުރިއެރުމަކީ އުފެއްދުންތެރިކަން އިތުރުވުމަށް މުހިންމު ކަމެއްކަން ގަބޫލުކުރަން ޖެހޭކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި ދެވަނަ ކަމަކީ އިގްތިޞާދު ފުޅާކުރުމަށް އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރައްވާފައި ވަނީ، ހެއްކަށް ބިނާކޮށް ސިޔާސަތުގެ ނިންމުންތައް ނިންމަންޖެހޭކަމެވެ. އެގޮތުން ޔޫއެންސީޓީއޭޑީއިން އެކުލަވައިލާފައިވާ އުފެއްދުންތެރިކަމުގެ އިންޑެކްސްއަކީ މިކަމަށް މުހިންމު އެއްޗެއްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކަންކަން ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޑިވެލޮޕްމަންޓް ޕާޓްނަރުންނަށް ރައީސް ވަނީ ބާރު އަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން