ޖަޕާނުން ދަނޑުވެރިކަން ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް ސްކޮލަޝިޕްގެ ފުރުސަތު އެގައުމުން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ބުނީ ސްކޮލަޝިޕްގެ މި ފުރުސަތުތައް ހުޅުވާފައި ވަނީ ޖަޕާން އިންޓަރނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ)ގެ އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޮރ ފުޑް އެންޑް ސެކުރިޓީ 2025 ގެ ދަށުން ކަމަށެވެ.

މި ފުރުސަތަކީ މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ހާޞިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މާސްޓަރސް ޑިގްރީގައި ބައިވެރިވުމުގެ ޝަރުތު:

* ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން

* 1 އޭޕްރީލް 2025 ގެ ނިޔަލަށް އުމުރުން 35 ފުރިފައި ނުވުން

ޕީއެޗްޑީގައި ބައިވެރިވުމުގެ ޝަރުތު:

* ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން

* އޭޕްރީލް 2025 ގެ ނިޔަލަށް އުމުރުން 40 ފުރިފައި ނުވުން

ޖައިކާގެ މި ސްކޮލަޝިޕަށް ހުޅަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީ، މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ، ޖައިކާ އެޕްލިކޭޝަން ފޯމާއި، އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި، މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް، ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން އަދި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ހިމެނެއެވެ.

ޗަޕާނުން ހުޅުވާލި މި ސްކޮލަރޝިޕަށް ހުށަހެޅުމުގެ ސުންގަނޑިއަކީ މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. މި ސްކޮލަރޝިޕް ފުރުސަތާއި ގުޅޭ އިތުރު މަޢުލުމާތު ސާފުކުރެއްވުމަށް 1474 އިން ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން