މާލޭގެ މަގުތަކުގައި ޕާކިން ސްލޮޓު ހަދައިގެން ކުއްޔަށް ދިނުން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް އަންގައިފިއެެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާ ކަމަށާއި އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ހޯދަން ވެސް ދަތިވެފައިވާ ކަމަށެވެ.

އެހެންކަމުން މަގުތަކުގައި ހުރި އާންމު ޖާގަތައް ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ބޭނުން ހިފޭނެ ގޮތެއް ހެދުމަށްޓަކައި މިއަދުން ފެށިގެން އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުދޭން ސިޓި ކައުންސިލަށް އަންގާފައިވާ ކަމަށް އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނުގައި ބުނީ ސިޓީ ކައުންސިލުން މިއަދާ ހަމައަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން އެ ޖާގަތައް ވެސް އިތުރަށް ކުއްޔަށް ދޫނުކުރުމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

"23 ސެޕްޓެމްބަރު 2024 ވަނަ ދުވަހުން ފެށިގެން، މާލޭ ސިޓީ ކައުންސިލުން، މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް އެ ކައުންސިލަށް އަންގާފައިވާކަން ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ. އަދި މާލޭ ސިޓީ ކައުންސިލުން މި ތާރީޚާ ހަމަޔަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫކުނުކުރުމަށްވެސް އެ ކައުންސިލަށް އަންގާފައިވާނެ ވާހަކަ ދަންނަވަމެވެ." ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުންޏެެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން "އެކްސްގައި" ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ޙައްލުކުރުމަށް މަގުފަހިކުރުމަށާއި، ރައްޔިތުންނަށް ހަމަހަމަ ގޮތުގައި މަގުތަކުގައިވާ ޢާންމު ޖާގަތަށް ބޭނުން ހިފޭ ގޮތަށް ކަންކަން ތަރުތީބު ކުރުމަށްޓައި، ކުރު އަދި ދުރު ރާސްތާއަށް އަމާޒުކޮށް ކުރެވެން ހުރިކަންކަން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

މާލޭ މަގުތަކާއި ބައެއް ހުސް ތަންތަނުން ޕާކިން ޖާގަ ހެދުމަށް ފަހު ކުއްޔަށް ދޫކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ފުރަތަމަ ސިޓީކައުންސިލުން ވަނީ މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރުމަށް އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން