ރައީސް ޑރ މުހައްމަދު މުއިއްޒު ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިހާރު އެމެރިކާގެ ނިއު ޔޯކުގައި ކުރިޔަށްދާ އދ ގެ 79 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިއުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ރާއްޖެއިން ޗައިނާއާއި އެކު އޮންނަ ގުޅުމަށް ދޭ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ އެއްބަސްވުންތަކާއި މަޝްރޫޢުތަކާ ބެހޭގޮތުން ރައީސް އާއި ޗައިނާގެ ފޮރިން މިނިސްޓަރާއި މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ ކުރިޔަށް އޮތްތާގައި ވެސް ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން ވެސް ވަނީ އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ވަންގް ޔަން އަކީ ޗައިނާގެ ވެރިކަން ކުރާ ސީ.ޕީ.ސީ.ގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު އަދި ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޮރ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން