ރާއްޖެއިން، އެންމެން ޝާމިލުވާ، ހަމަހަމަ، ވިލުންވެރި ޑިޖިޓަލް ދުނިޔެއެއް ގާއިމުކުރުމަށް ސާބިތުވެ ދެމިތިބޭނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމެރިކާގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗަރ "އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ"ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން، ރިޔާސަތު ބަލަހައްޓަވައި ވާހަކަފުޅުދައްކަވަމުންނެެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ޝާމިލު މުސްތަޤުބަލެއް ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އިންޤިލާބުގެ ބޭނުންހިފުމުގެ މުހިންމުކަމު ކަމަށެވެ. އަދި ޝާމިލު، ވިލުންތެރި އަދި ޢަދުލުވެރި ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ޚިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުންކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަކިން ޚާއްޞަކޮށް ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައިތަރައްޤީ އާއި ޢަދުލުއިންޞާފަށް ހުރަސް އެޅޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ގޮވާލައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، މިކަމަށް މަގުފަހިވާނެ މައިގަނޑު 3 ކަމެއް ވަނީ ހުށަހަޅުއްވާފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ ޒުވާނުން ބާރުވެރި ކުރުވުމެވެ. އެގޮތުން ޑިޖިޓަލް އިޤްތިޞާދީ ވެއްޓެއްގައި ޒުވާނުން ބާރުވެރިކުރުވާނެ ޙަރަކާތްތަކެއް ފެށުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި ދޭސީ އީޖާދުތަކަށް ބާރުދީ، އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ހުނަރު އާލާކޮށް ތާޒާކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރައްވާފައިވަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމެވެ. އެގޮތުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެޖެންޑާ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ އަމާޒުތައް ޙާސިލުކުރުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން މިހާރުވެސް މި މަސައްކަތް ކުރަމުންދާކަން، ރައީސް ފާހަގަކުރެއްވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ޙައްޤުތައް ރައްކާތެރިކުރުމެވެ. އެގޮތުން އެމަނިކުފާނު ވަނީ، ހުއްދަ ނެތި އެކްސެސްވެވުމާއި ޑޭޓާ ޕްރައިވެސީ ނުވަތަ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން ފަދަ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދީ، ޑިޖިޓަލް ވެއްޓެއްގައި، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތުގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި، ނޭޝަނަލް ސައިބަރސެކިއުރިޓީ އޭޖެންސީއެއް ޤާއިމުކޮށްފައި ވަނީ މިފަދަ ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރުމަށްޓަކައި ކަމަށެވެ.

ރައީސް މުޢިއްޒު އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސެޝަންގެ ހަވާސާގައި ބާއްވާ މުހިންމު މަޝްވަރާތަކުގައި އެމަނިކުފާނު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން