ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސް، ޑރ. މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސް، ޑރ. މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުން
ފަލަސްޠީނުގެ ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް މުޢިއްޒު މިކަމަށް އެދިވަޑައިގެންފައިވަނީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ފަލަސްޠީނުގެ ރައީސް، ޑރ. މަޙްމޫދު ޢައްބާޞް އާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ފަލަސްތީނުގެ ބިމުގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ދިވެހިރާއްޖެއިން ގޮވާލަނީ އިންސާނުންނަށް ވީތީކަމަށެވެ.

ހަމައެއާއެކު ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެއިން ފަލަސްޠީނަށް ހުރިހާ ރޮނގަކުންވެސް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ކަށަވަރު ވެގެންދިއުމަށް އުންމީދު ކުރައްވާކަމަށާއި، ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މިބައްދަލުވުމުގައި ފަލަސްޠީނުގެ ރައީސް، މަޙްމޫދު ޢައްބާޞް ދެއްކެވި ވާހަކަފުޅުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދީ ކުރައްވާ ތާއީދު ދެނެވަޑައިގަންނަވާކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާ ފަލަސްޠީނުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ދެޤައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން