ޖަލު ބަންދުގައި ހުއްޓާ މަރުވި މީހާގެ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

ޖަލު ބަންދުގައި ތިބޭ މިހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަނެއްކާވެސް، ޖަލު ބަންދުގައި ހުރި މީހަކު މަރުވުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް ބެލުމުގެ ޖާގަ އޮތްއިރު މިކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ދިވެހިރައްޔިތުންގެ ޕާޓީން ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ. މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް އެމްޑިޕީން ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ މިކަން ހިނގައިފައިވަނީ، މި ސެޕްޓެންބަރު މަހުގެ ކުރީކޮޅު މާލޭގައި އަންހެނަކު ރަހީނުކުރި އާދަމް އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ހުއްޓައި އޭނާ އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރުމުން، މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވި މައްސަލައިގައި އާއްމު ރައްޔިތުންނާއި އެޕާޓީން ނުހަނު ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ގޮވައިލައިފައި ވަނިކޮށް ކަމަށެވެ. އެހެން ނަަމަވެސް އަނެއްކާވެސް މިފަދަ ހާދިސާއެއް ހިނގުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުން ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި ދާދިފަހުން މި ބާވަތުގެ އެހެން ހާދިސާއެއް ހިނގައިފައި ވާއިރު، މި ގައިދީ ޖަލު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް އެމްޑީޕީއަށް ގަބޫލު ކުރެވޭ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ މިފަދަ ބަޔާނެއް ނެރެފައިމިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއްގައި މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މާލޭ ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް (62އ) އަމިއްލަ އަށް ދަންޖެހިގެން މަރުވެފައިވަނިކޮށެވެ. މި ފަހުން ލޯބިވެރިޔާ ރަހީނުކޮށް، ވަޅިން ބިރުދެއްކި މައްސަލައެއްގައި ހައްޔަރުކުރި އާދަމް އަތުހަރު ވެސް ވަނީ ދޫނިދޫ ކަސްޓޯޑިއަލްގައި ހުއްޓާ ދަންޖެހިގެން މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން