ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަންތީގައި ގުނާލެވޭ ޤައުމަކަށް ހެދިދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި މިރޭ ތަގުރީރު ކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަންތީގައި ގުނާލެވޭ ޤައުމަކަށް ހެދިދާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރަށްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ތަޞައްވަރަކީ 2040ވަނަ އަހަރާއި ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއް ކަމަށްވުން ކަމަށް ރަައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތަރައްގީވެފައިވާ ގައުމަކަށްވުމަކީ ދަތި އަދި އުނދަގޫ ކަމެއްގެ ގޮތުގައި މިހާރު ފެނުނު ނަމަވެސް ހަރުދަނާ ޕްލޭނެއް އޮތްނަމަ އެއީ ހާސިލުނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ލަނޑުދަނޑި ހާސިލުކުރަން މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމާއި އަދި އެ ގޮންޖެހުންތަކުން ކާމިޔާބީ ހޯދުމަކީ ދިވެހީންނަށް އައު ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނުއިރު، ރާއްޖެ ހިމެނެނީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ކަމަށެވެ. އަދި އޭރު ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ލިޔަންކިޔާކަށް ނޭނގޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ދުނިޔެއަށް އުފަންވާ ކޮންމެ 10 ކުއްޖެއްގެ ތެރެއިން، އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ޢުމުރުން އަހަރު ނުވަނީސް މި ދުނިޔެއާ ވަކިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭރު ގައުމުގައި އިޤްތިޞާދީ އެއްވެސް ސިނާޢަތެއް ނެތް ކަމަށާއި ރާއްޖެއިން އެކްސްޕޯޓްކުރާ އެއްވެސް އެއްޗެއް ނެތް ކަމަށެެވެ. އަދި އެއިން ކަމެއް ކައިރި މުސްތަޤުބަލުގައި ހިނގާފާނެކަމުގެ ފުރުޞަތުވެސް ވަރަށް ކުޑަކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެ އަކީ މިހާރު މެދުފަންތީގެ އާމްދަނީ ލިބޭ ގައުމެއް ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ފަންތީގެ ގުނާލެވޭ ގައުމަކަށް ހެދިދާނެ ކަމަށެވެ. އަދި އެކަން ކުރެވޭނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އިތުރުކުރަން އިންވެސްޓްކޮށްގެންނާއި އަދި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަން ކުރެވޭނީ ރާއްޖޭގެ އިޤްތިޞާދަކީ ފުރިހަމައަށް ޑިޖިޓައިޒްވެފައިވާ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ކުރިއަށްދާ ގައުމަކަށް ބަދަލުކޮށްގެން. އަދި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ކަނޑުގެ ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން." ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން